އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޯނަސް ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން، ގިނަ އަދަދެއްގެ ކެބިން ކްރޫ އިން މަސައްކަތަށް ސަލާމް ބުނި މައްސަލައިގައި ކެބިން ކްރޫއިންނާ ބައްދަލުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފީހަށް ކެބިންކްރޫ އިން ބުދަ ދުވަހުގެ 10:00 އަށް ހާޒިރު ކޮށްފައިވާތަން ރާއްޖެއެމްވީގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
އެނގިފައިވާ ގޮތުގައި ހަޅުތާލުކުރުމުގެ ގޮތުން ސަލާމް ބުނި ކްރޫއިންގެ އަދަދު 25 އާ ގާތް ކުރެއެވެ. ޗުއްޓީގައި ތިބި ކްރޫއިންގެ އަދަދު 15 އަށް އަރައެވެ. އަދި އޮފް ޑިއުޓީގައި 10 ވަރަކަށް ކްރޫ އިން ތިބި ކަމަށް ވެއެވެ.
ތިން އަހަރު ދުވަހަށް ފަހު، އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދޫކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. މުސާރައާ އެކު ގިނަ މުވައްޒަފުނަަށް ތިން އަަހަރުގެ ބޯނަސްގެ ގޮތުގައި ޖަމާކޮށްދީފައި ވަނީ 5،000ރ. އެވެ. އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މެދުގައި ބޯނަސް ދޫކުރި ގޮތާ މެދު ކަންބޮޑުވުން އުފެދުނީ ބޯނަސް ދޫކުރާ އުސޫލެއް ހާމަކުރުމެއް ނެތި ކުރު މުއްދަތުގައި ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ބޯނަސް ދޫކޮށްފައިވާތީއެވެ. އަދި ހަތް އަހަރު ދުވަހާއި ފަސް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންނަށް ބޯނަސް ފައިސާގެ ގޮތުގައި އެއްވެސް އެއްޗެއް ދީފައި ނުވާތީ އެވެ. އަދި ބޯނަސް ފައިސާ ދޫކުރާ އުސޫލު ކުންފުނީގެ މުވައްޒަފުންނާ ހިއްސާކޮށްފައި ނުވާތީ ވެސް މުވައްޒަފުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި 70 އެއްހާ ކެބިން ކްރޫއިން މަސައްކަތް ކުރާ މޯލްޑިވިއަންގެ މަސައްކަތަށް މިއަދު 50 ވުރެ ގިނަ ކްރޫއިން ނުނިކުމެއެވެ.
ގާނޫނުއަސާސީގެ ދެ ވަނަ ބާބުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ އިހްތިޖާޖު ކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެ ނޫން ވެސް މަސައްކަތްތެރީންނަށް ލިބިގެންވާ ކަމަށެވެ.