ރަޖިސްޓްރީ ވެފައިވޭތޯ ބެލުމަށް 1414 އަށް ފޮނުވާ މެސެޖް ނުފޮނުވެނީ އިންޓަރނެޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް އިލެކްޝަން ކޮމިޝަންގެ ސްޕޯކްސް ޕާސަން އަދި އެކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ މެސެޖް ފޮނުވުމުގައި މައްސަލަ ދިމާވެފައި ވަނީ ރޭ ދަންވަރުން ފެށިގެން ކަމަށާއި އެމައްސަލަ ދިމާވެފައި ވަނީ އިންޓަރނެޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަންގައި ބޭނުން ކުރަނީ އާރްއޯއެލްގެ އިންޓަރނެޓް ކަނެކްޝަން ކަމަށާއި ދިމާވެގެން އުޅެނީ އާރްއޯއެލްގެ އިންޓަރނެޓަށް ދިމާވި މައްސަލައެއް ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން ހައްލު ކުރެވޭނޭ ކަމަށް އާރއޯއެލްއިން ބުނަމުންދާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
މިއަދަކީ ރިޖެކްޓްވި ފޯމުތައް ހުށަހެޅުމުގެ ފަހު ދުވަހެވެ. މިކަމުގެ ސަބަބުން ރިޖެކްޓްވި ފޯމު ހުށަހަޅަން އިތުރު ފުރުސަތު ދޭނަންތޯ ސުވާލުކުރުމުން އަކްރަމް ވިދާޅުވީ މެސެޖް ނުފޮނުވުނު ނަމަވެސް ރިޖެކްޓްވި ފޯމު ހުށަހެޅުމުކަށް ހުރަހެއް ނެތް ކަމަށާއި ލިސްޓްތައް ވެސް އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އެހެންކަމުން ރިޖެކްޓްވި ފޯމު ހުށަހަޅާކަށް އެއްވެސް ދައްޗެއް ނޯންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ރިޖެކްޓްވި ފޯމުތަކުގެ ވެރިންނަށް އެކަން އަންގާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ރީ-ރެޖިސްޓްރޭޝަނަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދުގެ ހަވީރު 6:00 އަށް ހަމަވާނެއެވެ.