ރައީސް އަބްދުﷲ ޔާމީންގެ އިޤްތިޞާދީ ސިޔާސަތަކީ ރާއްޖޭގެ މުސްތަޤުބަލަށް ބޭނުން ހިފަން ހެޔޮވާނެ އިޤްތިޞާދީ ސިޔާސަތެއް ނޫންކަމަށް އެމަނިކުފާނުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި، އަދި މިހާރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ކުރައްވާ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެކި ވެރިން އެޤައުމުތަކުގައި ގެންގުޅޭ ސިޔާސަތު ތަފާތުވާނެކަމަށެވެ. އެހެންނަމަވެސް އިޤްތިޞާދީ ޕްލެޓްފޯމެއްގައި ވަޑައިގެން، ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން ރާއްޖޭގެ މުސްތަޤުބަލުގައިވެސް އެމަނިކުފާނުގެ ސިޔާސަތުތައް އަލުން ތަންފީޒު ނުކުރާނެކަމަށެވެ. އަދި އެއީ ސްކޫލްތަކާއި މަދަރުސާތަކުގައި އިބުރަތް ޙާސިލްކުރުމަށްޓަކައި ކިޔަވައިދޭ ފިލާވަޅުތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ސިޔާސަތުތަކެއްކަމަށް އަމީން ވިދާޅުވިއެވެ.
"އޭގެ މާނައަކީ ޤައުމެއްގެ ވެރިޔަކު ރައްޔިތުންގެ ފައިސާއިން އިސްރާފުކުރީމަ، ވައްކަން ކުރީމަ ޤައުމަށް ދިމާވާނެ މައްސަލަތައް. މަޝްރޫޢުތަކާއި ސަރުކާރުގެ ވައުދުތަކުގެ ޒަރީޢާއިން ރައްޔިތުންނަށް ފައިދާ ނުވާ ގޮތަށް، އިޤްތިޞާދަށް ފައިދާ ނުވާ ގޮތަށް ހަމައެކަނި ސިޔާސީ ބޭނުމުގައި ކަންތައްތައް ކުރީމަ އެއިން ޤައުމަށާއި ރައްޔިތުންނަށް ވާނެ ގެއްލުން، މިފިލާވަޅުތައް މިއީ ރާއްޖޭގެ މަދަރުސާތަކާއި ތަންތަނުގައި ކިޔަވައިދޭނެ އެއްޗެހި،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މުސްތަޤުބަލުގައި ދިވެހިންގެ އާމްދަނީ އިތުރުވާނެ އެއްވެސް ކަމެއް މި 5 އަހަރު ތެރޭގައި ކުރެވިފައި ނުވާކަމަށެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން ކުރިއަށްވުރެ ޚަރަދުކުޑަކޮށް ވިޔަފާރިކުރެވޭނެ މަގު ރައްޔިތުންނަށް ފަހިވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަަމަށް ވަޑައިގެންނެވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ހެޔޮވި ދުވަސްވަރެއްގައިކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ރައީސް ޔާމީނަށް ލިބިވަޑައިގަތީ ދުނިޔޭގެ ވެރިންނަށް މަދުން ނޫނީ ލިބިވަޑައިނުގަންނަވާފަދަ ފުރުސަތެއް ކަމަށެވެ. އަދި ތެލުގެ އަގު ތާރީޚީ މިންވަރަކަށް ކުޑަވެގެން ދިޔުމާއިއެކު، މި 5 އަހަރަކީ ރައީސް ޔާމީނަށް ޚަރަދު ކުޑަކޮށް އިޤްތިޞާދީ ހަރަކާތްތައް ހިންގުމަށް ލިބިވަޑައިގެންނެވި ފުރުސަތެއްކަމަށް އަމީން ފާހަގަކުރެއްވިއެވެ.
"އިޤްތިޞާދީ މާހިރު ވަޑައިގެން އެންމެ ޚަރަދު ކުޑަކޮށް އިޤްތިޞާދީ ހަރަކާތް ހިންގެން އޮތް ދުވަސްވަރު އެންމެ ޚަރަދު ބޮޑުކޮށް އިޤްތިޞާދީ ޙަރަކާތްތައް ހިންގީ، އެ ހިންގި ހަރަކާތްތަކުގެ ސަބަބުން އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެން ނުދާ ގޮތަށް. އެހެންވީމަ ކިހިނެއްތޯ މި ސިޔާސަތަކީ އިޤްތިޞާދީ ސިޔާސަތެކޭ ކިޔާނީ،" ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން އަމީން ވިދާޅުވިއެވެ.
އަމީން ވަނީ ނުއަގުގައި އިޤްތިޞާދީ މަސައްކަތްތައް ކުރުވުމަކީ އެމީހެއްގެ އިޤްތިޞާދީ ކުޅަދާނަކަން ދައްކުވައިދޭ ކަމެއް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.