އިންޑިއާއިން ރާއްޖެއަށް ދީފައިވާ 2 ހެލިކޮޕްޓަރު ރާއްޖޭގައި އަދި ދުވަސްކޮޅަކު ބާއްވަން ނިންމިކަމަށް މީޑިއާ ރިޕޯޓްތައް ބުންޏަސް، އެއީ ދޮގެއްކަމަށާއި، ހެލިކޮޕްޓަރުތައް ގެންދަން ދިވެހި ސަރުކާރުން އެންގި އެންގުމަށް ބަދަލެއް އައިސްފައި ނުވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
'ދަ ހިންދޫ' ނޫހުގައި މާލޭގެ ޑިޕްލޮމެޓިކް މަސްދަރަކާއި ހަވާލާދީ ލިޔެފައިވަނީ ދިވެހި ސަރުކާރުން އެ ހެލިކޮޕްޓަރުތަކާއި، ހެލިކޮޕްޓަރުތަކާއިއެކު އައިސް ތިބި އިންޑިއާ ސިފައިންނާއި ފަޅުވެރިން އަނބުރާ ގެންދިޔުމަށް އެންގި އެންގުމަށް ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާއިން އައިސް ތިބި ކްރޫއިންގެ ވިސާ މިދިޔަ ޖޫން މަހު ހަމަވެފައިވާއިރު، އަދިވެސް ވިސާ އައުކޮށްދީފައި ނުވާކަމަށް އޮފިޝަލާއި ހަވާލާދީ 'ދަ ހިންދޫ'ގައި ރިޕޯޓުކޮށްފައިވެއެވެ.
މަސްދަރުތަކާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައިވެސް ވަނީ ހެލިކޮޕްޓަރުތައް ގެންދަން ޖެހޭކަމަށް ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް ހެލިކޮޕްޓަރުތަކާއި ބެހޭ ގޮތުން މިވަގުތު މަޝްވަރާކުރެވެމުންދާތީ، އެމަޝްވަރާތައް ނިމެންދެން ހެލިކޮޕްޓަރުތައް ބަހައްޓައި، އޭގެ ކްރޫއިންނަށް ވިސާގެ ކަންތައްތައް ހަމަޖައްސައިދީފާނެކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން ރައީސް ޔާމީންގެ ސަރުކާރުން ބަދަހިކޮށްފައިވާއިރު، ހެލިކޮޕްޓަރުތައް ގެންދަން އަންގަމުން ދަނީ ޗައިނާގެ ނުފޫޒުންކަމަށް އިންޑިއާގެ ބައެއް އޮފިޝަލުން ތުހުމަތުކުރެއެވެ. ދިވެހި ސަރުކާރުން ބުނަނީ ރާއްޖެއިން އިންޑިއާގެ ކިބައިން އެދިފައިވަނީ ޑޯނިއަރ މަތިންދާބޯޓަކަށް ކަމަށާއި، ހެލިކޮޕްޓަރުތަކަކީ ރާއްޖެއަށް ބޭނުންވާ އެއްޗެއް ނޫންކަމަށެވެ.
އައްޑޫ ގަމުގައި އެއް ހެލިކޮޕްޓަރު ބާއްވާފައިވާއިރު، އަނެއް ހެލިކޮޕްޓަރު އޮންނަނީ ލ. ކައްދޫގައި ހުންނަ ސިފައިންގެ ވައިގެ މަރުކަޒުގައެވެ. އާއްމު ގޮތެއްގައި މި 2 ހެލިކޮޕްޓަރު ބޭނުންކުރަނީ ބަލި މީހުން އުފުލުމަށާއި، ކަނޑުމަތީގެ ޙާދިސާތަކާއި ގުޅިގެން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައެވެ.