ރައީސް އަބްްދުﷲ ޔާމީން، ނ. ވެލިދޫއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފަނު އެ ރަށަށް ވަޑައިގެންނެވުމުގެ ކުރިން ބަނދަރުމަތީ ހުރެ ވަގަށް ގޮވިކަމަށް ބުނެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެމުން ވެލިދޫގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރ އަޒްވަދު ހުސެއިން ވިދާޅުވީ ރައީސް ވަޑައިގަންނަވާތީ، ބަނދަރުގެ އެއް ފަރާތުގައި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ އާންމު ރައްޔިތުން މަޑުކޮށްލައިގެން ތިބިކަމަށެވެ. އަދި އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބަ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށާއި، ހައްޔަރުކުރީ "ވަގަށް" ގޮވުމުގެ ސަބަބުން ކަމަށް އަޒްވަދު ވިދާޅުވި އެވެ. ހަމައެހެންމެ އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި އަންހެނެއް ވެސް ހިމެނޭ ކަމަށް އަޒްވަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ވަޑައިގެންނެވުމުގެ ކުރިން ފުލުހުން ކޯޓު އަމުރުތަކަކާއެކު އިދިކޮޅު ފަރާތްތަކުން ބޭނުންކުރި ބެނާތަކާއި، އެމްޑީޕީގެ ދިދިތައް ނަގާފައިވާކަމަށެވެ. އެގޮތުން އެމްޑީޕީގެ ހަރުގޭގައި "އެޑްވާންސްކޮށް ވައްކަންކުރާ ވެރިޔެއް ބޭނުމެއް ނޫން" އެފަދައިން ލިޔެފައިވާ ބެނާއެއް އިނުމުން އެވެސް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އޭގެއިތުރުން އަމިއްލަ މީހުންގެ ގޭގޭގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައްވެސް ފުލުހުން ނެގިކަމަށް އަޒްވަދު ވިދާޅުވި އެވެ.
ރައީސް ޔާމީން ވެލިިދޫއަށް ވަޑައިގެންނެވީ، ވެލިދޫގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ގޮތުންނެވެ.