މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެމްޑީޕީން ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް ނުބެލީ ސިޔާސީ މަޝްރަހު އިތުރަށް ހޫނު ނުކުރުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެވެ.
ސިޔާސީ މަޝްރަހު ހޫނުވެދާނެތީ އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް ނުބެލީ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ އިރު، އެމްޑީޕީން އަބަދުވެސް ބުނަމުން އައިސްފައިވަނީ އެޕާޓީގެ ވެރިކަމުގައި ޚިޔާނާތުގެ އަމަލެއް ހިންގާފައިވާ ނަމަ މިސަރުކާރުން އެކަމެއް ބަލާނެ ކަމަށެވެ.
ރ. މީދޫގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ދައުރުގެ ކުރީކޮޅު ބެލި ނަމަ އިދިކޮޅު މީހުން މާކުރިންސުރެ ތިބޭނީ ޖަލުގައި ކަމަށެވެ.
ސިޔާސީ މަޝްރަހު ހޫނު ނުކުރުމަށް އެމްޑީޕީގެ ސަރުކާރުން ހިންގި ކޮރަޕްޝަންތައް މިސަރުކާރުން ނުބަލާކަމަށް ރައީސް ވިދާޅުވި އިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮއްވާ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ނުފޮނުވާނެ ކަމަށާއި އަދީބުގެ އެއްވެސް އިންސާނީ ޙައްޤެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުން ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް ނުބެލީ ގައުމަށް ހަމަޖެހުން ގެނައުމަށް އެޅުއްވި ވަޅެކެވެ.
"އެއީ ހިނގާފައި ހުރި ކަންތައްތައް. އަޅުގަނޑުގެ ފަހުން އަންނަ ބަޔަކުވެސް އެކަންކަން ބަލާނެ. އޭގެ ކުރީ ހުރި ސަރުކާރުތަކުން ވެސް މައްސަލަތައް ބަލާފައެއް ނެތް. އެހެންވެ އަޅުގަނޑު ދެންނެވިން އެ މައްސަލަތައް ބަލަން ފަށައިފި ކަމަށް ވަންޏާ އަނެއްކާވެސް އުފެދިފައި މިވާ ޒަޚަމަކަށް ފާރުތަކެއް ދުވަހަކުވެސް ފަސޭހަ ނުވާނޭ އަޅުގަނޑު ދެންނެވިން." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ބަލަން ފެށީ 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއަށް ފަހުގައި ކަމަށެވެ. މީގެ ކުރިން މިފަދަ އެއްވެސް ވާހަކައެއް ރައީސް ޔާމީން ވިދާޅުވެފައެއް ނުވެއެވެ.