ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުޙައްމަދު އުފެއްދެވި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕީޕީއެމް އާމެދު ވެފައިވާ އެއްބަސްވުމާއި މެދު ގޮތެއް ނުނިންމާ، އެ ޕާޓީ ވަގުތީ ގޮތުން ހިންގެވުން ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ޙަވާލުކުރަން އެމްޑީއޭގެ ކައުންސިލުން ނިންމައިފިއެވެ.
މައުރޫފާއި ޕާޓީ ހިންގުން ހަވާލުކުރީ އަންގާރަ ދުވަހު އޮތް އެޕާޓީގެ ކައުންސިލް ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ކައުންސިލު ބައްދަލުވުމުގައި އެމްޑީއޭ-ޕީޕީއެމް ކޯލިޝަނާއި މެދު ގޮތެއް ނިންމިފައި ނުވަނީ ދެ ޕާޓީގެ މެދުގައި އެއްބަސްވާ ކަންކަމާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެގްރީމެންޓް ލިބިފައިވާ ނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެމްޑީއޭ ހިންގެވުމާއި ސިޔާމް ދުރަށް ޖެހިވަޑައިގަތީ، ވިޔަފާރީގެ ކަންކަމާއި އަދި އެނޫންވެސް ބަޔެއް ކަންކަން ހުރި ގޮތުން މިވަގުތު ޕާޓީ ހިންގެވުމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުންނެވެ.
ވަގުތީ ގޮތުން އެމްޑީއޭ ހިންގެވުން މައުރޫފާއި ޙަވާލުކުރުމަށް ޕާޓީގެ ކައުސިލަށް ހުށަހެޅުއްވީވެސް ސިޔާމެވެ. އެޕާޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ ޕާޓީގެ ލީޑަރު އެގޮތަށް ހުށަހެޅުއްވީ އަސާސީ ޤަވާއިދުގެ 55 ވަނަ މާއްދާގެ ދަށުން ޕާޓީގެ ލީޑަރަށް ލިބިދޭ ބާރެއްގެ ދަށުންނެވެ.
އަންގާރަ ދުވަހު އޮތް އެމްޑީއޭގެ ކައުންސިލު ބައްދަލުވުމަށް ތިން ކަމެއް ހުށަހެޅިކަން އެނގިފައިވެއެވެ. އެގޮތުން ޕާޓީގެ ކައުންސިލަށް ތިން ބޭފުޅަކު އައްޔަން ކުރުމާއި، ޕާޓީ ހިންގުން މައުރޫފާއި ޙަވާލުކުރުމާއި، އެމްޑީއޭ ޕީޕީއެމް ކޯލިޝަނާއި މެދު ގޮތެއް ނިންމުން ހިމެނެއެވެ.