މިއަހަރުގެ ދެވަނަ ކުއާޓަރގައި 124 މައްސަލަ ރަޖިސްޓަރ ކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 404 މައްސަލަ ވަނީ ރަޖސްޓްރީ ކުރެވިފައެވެ. މީގެތެރެއިން 124 މައްސަލައަކީ 2 ވަނަ ކުއާޓަރގައި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލައެވެ. 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 152 މައްސަލަ އެވެ.
ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 110 މައްސަލައެވެ. 2017 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 99 މައްސަލައެވެ.
ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންދާ ކަމަށް އޭސީސީން ބުނެއެވެ.
އެގޮތުން، މިއަހަރުގެ ދެ ވަނަ ކުއާޓަރގެ ތެރޭގައި އަށް މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ ހަ މައްސަލައެވެ.
މީގެއިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 16 މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި 26 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.