ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ދިމާކޮށް، "ވިޔާނުދާ ނުރައްކާތެރި" ކަންކަން ހިންގަން ފަށާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހިންގި ނުރައްކާތެރި މާރާމާރީއާ ބެހޭ ގޮތުން ރ. އިންނަމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މާރާމާރީއަކީ "ވަރުގަދަ ޒަހަމްގެ ހަމަލާއެއް" ކަމަށެވެ. މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް އެ އަމަލަކީ ވަކި ބަޔަކު ކުރުވާ ކަމެއް ކަމަށް ނުބުނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"މިހާރު އިދިކޮޅު ކެންޑިޑޭޓުންނާއި އެމްޑީޕީން މި ފައްކާ ކުރަމުން މި އަންނަނީ ކޮން ކަހަލަ މޫސުމެއް ބާއްވައޭ. ރޭ ނޫން އިއްޔެ ރޭ މާލޭގައި އަނެއްކާ ވެސް ވަރުގަދަ ޒަހަމްގެ ހަމަލާއެއް އެ ދިޔައީ. މީހަކު ވަރަށް ވަރުގަދައަށް ޒަހަމްކޮށްލާފަ. އޭނާ ވަރަށް ސީރިއަސް. މިއަދަކު އަޅުގަނޑަކަށް ނޭނގޭ އޭނަގެ ހާލަތެއް. އިއްޔެ ހަމަ ގައިމު ވެސް ސީރިއަސް. މިހާރު ވެސް ފެށިގެންދަނީ، އަޅުގަނޑު ނުބުނާނަށް މިއީ ވަކި ބަޔަކު ކުރުވާ ކަމެކޭ. އެހެން ނަމަވެސް މިހާރު މި ފެށިގެން މިދަނީ ވޯޓު ލުމުގެ މޫސުމާ ދިމާކޮށް، މިހާރު މި ފެށިގެން މިދަނީ މިކަހަލަ ވިޔާނުދާ ނުރައްކާތެރި ކަންކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އެހެން ވިދާޅުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްކަންދަރު ސްކޫލްގެ ފުރަގަހުން އޮންނަ ގޯޅިއެއްގެ ތެރޭގައި ޒުވާނެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި، ޒަހަމްކޮށްލާފައިވަނިކޮށެވެ. އެ ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.
ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ ފައިސާ ހޯދަން އެމްޑީޕީ ގައުމީ މަޖިލީހުން ނިންމި ނިންމުމާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ގެއްލިފައި ހުރި ފައިސާ ފެންނާނީ ބައެއް ގޭގެ ތަންމަތި ބެލުމުން ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރަނީ އިބްރާހިމް މުހައްމަދު ސޯލިހަށް ލާޒިމް ކުރުވާ ގަރާރެއް. އެ ގަރާރުގެ ދަށުން އެމްޑީޕީގެ މީހުން ނުކުންނަންވީ ހަގީގަތުގައި ގެއްލިފައި ހުރި ފައިސާ ހޯދަން. އެންމެ ގިނައިން ފައިސާ ހޯދާނީ ބައެއް ގޭގެ ބެލީމަ އެ ގޭގެ ތަންމަތިން. އެއީ ފައިސާ ހޯދޭނެ ގޮތަކީ.
ރައީސް ޔާމީން
"މިއުޅެނީ ގެއްލިފައި ހުރި ފައިސާ ހޯދަން މިއުޅެނީ. ކީއްކުރަންތޯ ގެއްލިފައި ހުރި ފައިސާ ހޯދަނީ. އަޅުގަނޑަށް މި ހީވަނީ ގެއްލިފައި ހުރި ފައިސާ ހޯދަން މިއުޅުއްވަނީ އެ ބޭފުޅުން މިހާރު ރަށްރަށުގައި ކުރައްވަން އުޅުއްވާ ކަންތައް ކުރައްވަން ކަންނޭނގޭ."