މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވަން ހަމަޖައްސައިފިއެވެ.
ސިނަމާލެ ބްރިޖްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު ހޯމަދުވަހުގެ ރޭ ވަނީ ފުރަތަމަ ފަހަރަށް ބްރިޖު ދިއްލާފައެވެ.
ސަރުކާރުގެ ހަރަދުގައި ބްރިޖު މަތީގައި އަލަތު ކައިވެނިކުރުމުގެ ހަރަކާތްތައް މި މަހުގެ 31 ވާ ހުކުރު ދުވަހު ކުރިއަށްދާނެ ކަމަށް ހައުސިންގް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ބްރިޖް ހުޅުވަން ދެ ދުވަހަށް ވެފައިވާ އިރު ބްރިޖްގެ ގިނަ މަސައްކަތްތަކެއް އަދިވެސް ހުރީ ނުނިމިއެވެ.
ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްގެން ހަދާ މި ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.