ކ. މާލެ
|
27 އޯގަސްޓް 2018 | ހޯމަ 19:07
ސިއްރު ފެންފުށީގައި ހަދާފައިވާ ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އާރޓް ގެލެރީ
ސިއްރު ފެންފުށީގައި ހަދާފައިވާ ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އާރޓް ގެލެރީ
މުހައްމަދު ޝަރުހާން
ރިޕޯޓް
ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް
ރައީސްުލް ޖުމްހޫރިއްޔާގެ އޮފީހުން އެތަން ނަގަން އަންގާފައިވަނީ މިދިޔަ މަހު 27 ގައި
ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ އެންގުން ރައްދުވާ އިދާރާތަކާ ސުވާލު ކުރުމަށް
ފުލުހުން ބުނީ އެެއްޗެއް ބުނަން ބޭނުން ނުވާކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ކުރީގެ ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކުގެ ސަބަބުންނެވެ. އެދުވަސްވަރު ބައެއް ދީނީ އިލްމުވެރިންގެ ލޮލަކަށް ނިންޖެއް ނައެވެ. އެކަމުގެ ސަބަބުން ރާއްޖެ ޣައިރު ދީނަށް އެނބުރިދާނެތީ މިފަސްގަނޑު ބުދުތައް ނަގައި ތޯހިރުކުރުމަށް އެތަކެތީގައި ހުޅުވެސް ޖެހީއެވެ.

އިސްކޮށް އުޅުނީ މިހާރުގެ ސަރުކާރަށް ތާއީދުކޮށްގެން އުޅުއްވި ބައެެއް އިލްމުވެރިންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވެސް އެކަންކަމަށް ދެކޮޅު ހައްދަވަމުން ގެންދެވި އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އިތުރު ދައުރަކަށް ގެންނަން ޖެހޭ ކަމަށް ބުނަމުންދާއިރު، ދެ ވަނަ ދައުރަކަށް ރައީސް ޔާމީންގެ ރަނިން މޭޓަކަށް ކަނޑައަޅާފައިވަނީ ޝަހީމެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދީނީ ކަންކަމުގައި ބަސް ވިދާޅުވުމަށެވެ. އެ ދާއިރާގެ މަސައްކަތްތައް ކުރެއްވުމަށެވެ. ނަމަވެސް އޭރު އައްޑޫގައި ހުރި އިންސާނާގެ ސޫރަ ފާޅުވާ މޮނިއުމެންޓްގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، މިހާރު ސިއްރު ފެންފުށީގައި ބަހައްޓާފައިވާ ބުދުތަކުގެ މައްސަލައިގައި ކަންބޮޑުވުމެއް ނެތް ކަހަލަ އެވެ. ސިއްރު ފެންފުށީގައި ހުރީ އެންމެ ބުދެއް ދެބުދެއް ނޫނެވެ. 

ސިއްރު ފެންފުށީގެ ބުދު ގެލަރީ

ސިއްރު ފެންފުށީގައި ބުދަތަކެއް ހުރިކަމުގެ އަޑުތައް ފެތުރި އެތަކެތީގެ ފޮޓޯތައް ޢާއްމުވެ ސަރުކާރަށް ފާޑު ކިއުންތައް އަމާޒުވެފައި ވަނިކޮށް އެ "ބުދުތަކެއް" ހުރިކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުމާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީ އާއި އަދި ރިޒޯޓުގެ މެނޭޖްމަންޓާއި ގުޅިގެން ދަނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

އެދުވަހު މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރުފެންފުށީ ގައި ހުރި "ބުދުތައް" އެއްކޮށް ނެގުމުގެ މަސައްކަތް ޖުލައި 28ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ޓުއަރިޒަމް މިނިސްޓްރީ އަށް އަންގަވާފައި ކަމަށެވެ.

 

މުއާޒް އެހެން ވިދާޅުވިތާ މިއަދަށް ބަރާބަރު މަހެއް ފުރުނީއެވެ. އެ ބުދުތައް ހުރީ ހުރިގޮތަށެވެ. އެއިން ބުދުތައް ނެގުމަށް އިނގިލި ކުރިވެސް ޖައްސާލީކީއެއް ނޫނެވެ. އެއާ ޚިލާފަށް އެތަން އިތުރަށް ރީތިކޮށް އިޝްތިހާރު ކުރުން ވަނީ އިތުރުކޮށްފައެވެ.

 

މިކަމާ ގުޅިގެން ރާއްޖެ އެމްވީން މުއާޒަށް ގުޅާލުމުން ވިދާޅުވީ އެތަކެތި ނަގަން ވާނީ އަންގާފައި ކަމަށާއި ނެގިންތޯ ނުވަތަ ނޫންތޯ އެކަމާ ގުޅުންހުރި އިދާރާތަކަށް ސުވާލު ކުރުން ރަނގަޅުވާނެ ކަމަށެވެ. އެއީ ރައީސް އޮފީހުން އެންގެވި އެންގެވުމެއް ނޫންތޯއާއި ނެގިތޯ ނުވަތަ ނޫންތޯ ބެލުން އެއީ ރައީސުލް ޖުމްހޫރިޔާގެ އޮފީހުގެވެސް ޒިންމާއެއް ނޫންތޯއޭ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް މުއާޒް ވިދާޅުވީ ރައީސް އޮފީހުން ވާނީ އަންގާފައި ކަމަށާއި އެކަން ކުރިތޯ އެފަރާތްތަކާ ގުޅުމަށެވެ.

ބުދުތައް ނަގައިފިތޯ ބެލުމަށް ޓޫރިޒަމް ނިނިސްޓްރީއަށް ގުޅައިގެން އެމިނިސްޓްރީގެ ބަހެއްލިބޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކުރަން ފުލުހުން ބޭނުން ނުވާ ކަމަށެވެ.

 

ސިއްރު ފެންފުށި ރިޒޯޓުގެ މޫދުގައި ހަދާފައިވާ ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އާރޓް ގެލެރީއަކީ ލާދީނީ އަމަލެއް ކަމަށާއި ކޮންމެ މީހަކު ކުރި ނަމަވެސް އަދި ކޮންމެ އިރަކު ކުރި ނަމަވެސް، ގޯސް ކަމެއް ހަމަ ވާނީ ގޯހަކަށް ކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވިއެވެ. ނަމަވެސް އެބޭފުޅުން އެވިދާޅުވާ ބުދުތައް ނުނަގައިގެން ކުރި އިހުތިޖާޖެއް، އުފުލި އަޑެއް ނެތެވެ. ކުރިން އަޑު އުފުލި ޖަމްއިއްޔާވެސް އޮތީ ހަނު ހިމޭނުންނެވެ. ކީރިތި ކުރައްވާފައި ދެއްވި ތަޤްރީރެއް ހިސާބުވެސް ރައްޔިތުންނަކަށް ނުފެނުނެވެ. އަމުދުން ދެން އަންނަ ރައީސް ޔާމީންގެ ސަރުކާރުގައި ދީނީ ކަންކަން ކުރިއެރުވުމަށް ގެންނެވި ދީނީ ރަނިންގ މެޓް ޑރ ޝަހީމްވެސް މިކަމުގައި ވީތަނެއް ނޭނގެއެވެ. ހަމަގައިމުވެސް ބުދު ފައްޅި ހުރީ ހުރިގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް