މި ސަރުކާރު ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޮޑުތަނުން ފެއިލްވެފައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ށ.މިލަންދޫގައި އާދިއްތަ ދުވަހުގެ ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ އަސާސީ ހިދުމަތްތައް ދެމުންދަނީ ނަމެއްގައި ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްތައް ދިނުމަށް ބައެއް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހިންގަމުންދަނީ ނަމެއްގައި ކަމަށެވެ. ނަމަވެސް ކޯލިޝަން ސަރުކާރެއްގައި ސިއްހީ ހިދުމަތް ރަނގަޅު ފެންވަރެއްގައި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ މި ސަރުކާރުން ނުބައިވެގެންނުކުރާކަމެއް ވެސް ނެތް ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި ވައްކަން އޮތްކަން ފާހަގަ ކުރެއްވި އެވެ.
ފައިސަލް ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކޯލިޝަން ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ. ފައިސަލް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާތްކުރުމަށް މަސައްކަތްކުރުމަށް ބޭނުންވާ ވަރާ ގާތަށް ވެސް ބަޖެޓް ނުދޭ ކަމަށާއި ކޯލިޝަން ސަރުކާރުގައި އެކަމަށް ބޭނުންވާ ފައިސާ ފޯރުކޮށްދެއްވާނެ ކަމަށެވެ.
ސަރުކާރަށް ތާއިދުކޮށްގެން ތިބި މެމްބަރުން ކޯލިޝަނަށް ތާއީދުކުރުމުން އެކަމާމެދު ބަޔަކު ކަންބޮޑުވާއިރު ޖަލުތަކުގައި ނުހައްގުން ބަޔަކަށް އަނިޔާ ލިބެމުންދާއިރު އެ އަސަރު ނުކުރޭތޯ ފައިސަލް ވަނީ ސުވާލު އުފައްދަވާފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އިނާޔަތް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށައެޅުމުން އެ މަޖިލީހުގެ ތެރެއިން ފެއިލް ކޮށްލީ ކޮން ބައެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.