ކޯލިޝަން ސަރުކާރެއްގައި ކަނބަލުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ހޯދާދެއްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ށ. ބިލެތްފައްސަށް ވަޑައިގަތުމަށް ފަހު އެރަށުގައި ތިބި ކޯލިޝަނަށް ތާއިދުކުރާ ފަރާތްތަކާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ކަނބަލުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެއްވާނެ ކަމަށެވެ. ހަމައެކަނި ގާނޫނެއް ފާސްކުރި ނަމަވެސް ނުފުދޭ ކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ ޖެންޑަރ އީކުއަލިޓީގެ ގާނޫނު ވުޖޫދަށް ގެނައި ނަމަވެސް އެއަށް އަމަލު ނުކުރާ ނަމަ އޭގެ ބޭނުމެއް ނެތް ކަމަށެވެ.
ފައިސަލް ވިދާޅުވީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ނައްތާލަން ޖެހޭ ކަމަށާއި ސިޔާސީ މައިދާނުގައި ވެސް ހިތްވަރުގަދަ ކަނބަލުން ފެންނަމުންދާ ކަމަށެވެ. މި މޭރުމުން ފައިސަލް ވިދާޅުވީ ފިރިހެންނަށް ހިތްވަރު ލިބުނީ ވެސް އަންހެނުން ދައްކާދޭ ނަމޫނާ އިން ކަމަށެވެ.
ފައިސަލް ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ފައިސަލް ވިދާޅުވީ ރޮޒައިނާއަކީ ފިސާރި ކަނބަލެއް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގައި ވެސް ހިތްވަރުގަދަ ކަނބަލެއް ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވަނީ ބިލެތްފަހިން ވެސް އަދި އެހެން ރަށްތަކުން ވެސް ފެންނަނީ އިސްލާހީ ހެޔޮ ބަދަލު ގެނައުމަށް ބޭނުންވެފައިވާ މިންވަރު ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ބޭނުންވާ ކަމަށާއި ދެން އެ ދުވަސް ގެންނާނީ ދިވެހި ރައްޔިތުން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.