އެމްޕީއެލް އަށް ގެންނަ އެއްވެސް މުދަލެއް އެ ކުންފުނީގެ ސަބަބުން މާލެ ބަނދަރުން ބޭރު ނުވެ ނުހުންނާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.
ފިޔާ އަލުވި އަދި ބިހުގެ އަގު މީގެ ދެ ހަފްތާ ކުރިން އުފުލިފައިވާއިރު އެ ތަކެތީގެ އަގު އުފުލިފައިވަނީ މާލެ ބަނދަރުގައި ބޯޓު އޮވެ، އެ މުދާތައް ނުބޭލި ހުރުމުން ކަމަށް ރާއްޖެއެމްވީ އަށް ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މައުލޫމާތު ދިން ހޯލްސޭލް ވިޔަފާރީގެ ބޮޑު މީހަކު ބުނި ވާހަކައަށް ރައްދު ދެއްވައި ރައްޤާޒު ވިދާޅުވީ އެމްޕީއެލްގެ ސަބަބުން އެއްވެސް މުދަލެއް ބޭރު ނުވެ ނުހުންނާނެ ކަމަށާއި ވިޔަފާރިވެރިންނާއި ގުޅިގެން އެމްޕީއެލުން އެކަހަލަ އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެ މުދާ އަންލޯޑް ނުވެގެން އުޅެނީ "ލޫސްކޮށް" މުދާ ގެނައުމުން އެ މުދަލަށް ގެއްލުން ލިބިފައި ހުރުމުން ކަމަށާއި އެ ބޯޓުގެ މުވައްޒަފުން މަސައްކަތް ނިންމާ މުދާ ވަރަށް އަވަހަށް ކްލިއަރ ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ބިސް ކޭސްތައް ހުރީ ގެނައި ބެޗްގެ އެންމެ އަޑީގައިކަން ފާހަގަކުރައްވާ ރައްޒާޤު ވިދާޅުވީ އެ މުދާ އަޑީގައި ހުރުމުން ހަލާކުވެފައިވާ ކަމަށެވެ.
މާލޭގެ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކާ އަގު 45ރ އަށް އުފުލިފައިވާއިރު ކުކުޅު ބިހެއްގެ އަގު އުޅެނީ 3ރ އަށެވެ. އަދި އަލުވި ކިލޯއެއް ވެސް ލިބެނީ 25ރ އަށެވެ. ބައެއް ފިހާރަތަކުގައި ފިޔާ ކިލޯއެއް ހުރީ 50ރ އަށެވެ.