ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރ.ދުވާފަރަށް ވަޑައިތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް އެރަށުން ދަންނަވައިފި އެވެ.
ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ދުވާފަރަށް އެމަނިކުފާނު ވަޑައިގެންނެވީ މަސްދޯންޏެއްގަ އެވެ. އެ ދޯންޏަށް އެމަނިކުފާނު އަރާވަޑައިގެންނެވީ ރ.ކިނޮޅަހުން ދުވާފަރަށް ދަތުރުކުރެއްވިއިރު ކަނޑުމަތިންނެވެ. އެ މަނިކުފާނު ވަޑައިގެންނެވި މަސްދޯނީގެ އިތުރުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އިތުރު މަސްދޯނިތައް ވެސް ކަނޑުމަތިން އެމަނިކުފާނާ ބައްދަލުކޮށް މަރުހަބާ ކިޔެވެ.
އިރުއޮއްސުނު ވަގުތު އިބޫ ދުވާފަރަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ މީހުން އެވަގުތު އައިސް ތިއްބެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އައިސް ތިބި މީހުންނާއި ސަލާމް ކުރެއްވުމަށް އެމަނިކުފާނު ގާތްގަނޑަކަށް 30 މިނެޓް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި އެވެ.
އިބޫއަށް މަރުހަބާ ދެންނެވުމަށް އައިސްތިބި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭއިރު އޭގެ ތެރޭގައި ހިމެނުނު ހަސަން ޝުޖާއު ބުނީ އެމީހުން އެމީހުން ބޭނުންވީ އިބޫ އޯކޭކަން ދައްކާލުން ކަމަށެވެ.
"އަޅުގަނޑުމެން ގޮވަމުން ދިޔައިން އިބޫ އޯކޭ ކަމަށް، އެއީ އަޅުގަނޑުމެން ދައްކަން ބޭނުންވީ މިރަށުގައި އިބޫއަށް އޮތް ތާއިދު،" އޭނާ ބުންޏެވެ.
އާމިރު އަހްމަދު ބުނީ އިބޫއަށް މަރުހަބާ ދެންނެވުމަށް އެރަށުން މީގެ މަހެއް ކުރިން ފެށިގެން ތައްޔާރުވާން ފެށި ކަމަށެވެ. އަދި އިބޫ ވަޑައިގަންނެމުގެ އެއް ދުވަސް ކުރިން ވަރަށް ގިނަ ވަގުތު ޒުވާނުން މަސައްކަތްކުރި ކަމަށެވެ.
އިބޫ ވަޑައިގަތުމާއި ދިމާކޮށް ޕީޕީއެމްގެ ބައެއް މީހުންވެސް ދުވާފަރު ބަނދަރުމައްޗަށް ނިކުން ހަމަނުޖެހުން ހިންގަން އުޅުނު ނަމަވެސް އެމީހުން ވެސް ތިބި ލަދުން ކަމަށް އިބޫގެ ބައެއް ސަޕޯޓަރުން ބުންޏެވެ.
ދުވާފަރުގައި މިރޭ ކޯލިޝަނުން ބާއްވާ އިބޫގެ ކެމްޕެއިން ޖަލްސާ އޮންނާނެ އެވެ.