ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހައްދުންމަތީ ގަމަށް ވަޑައިގަތުމުން އެރަށުން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ތާއިދު ދައްކަލާއިފިއެވެ.
ޑރ ޝަހީމް ހައްދުންމައްޗަށް ކުރައްވާ ކެމްޕެން ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެންނެވީ ހުކުރު ދުވަހު ހަވީރުގައެވެ. އިސްކަންދަރު އެއާޕޯޓުން ގަން ފޮނަދޫ ޕީޕީއެމްއަށް ތާއިދު ކުރާ ރައްޔިތުން އެމަނިކުފާނަން މަރުޙަބާ ދެންނަވާފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދު ކުރާ އާންމު ރައްޔިތުން ވަނީ ގަމު ލިންކުރޯޑުގައި "ޖަޒީރާ ސައިކަލް" ބުރުގެ ނަމުގައި ސައިކަލް ބުރެއްޖަހާފައެވެ.
ތުނޑީ ބަނދަރު ސަރަހައްދުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފެށި ސައިކަލް ބުރު ނިންމާލާފައި ވަނީ ފޮނަދޫ ބަނދަރު ސަރަހައްދަށެވެ. ގަން ފޮނަދޫގެ ރައްޔިތުން ބައިވެރި މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެ. އަދި އެއީ މި އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ޖެހި ސައިކަލް ބުރުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ސައިކަލް ބުރުކަން ފާހަގަކޮށްލެއެވެ.
ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިބޫ ލ. އަތޮޅު ގަމަށް ވަޑައިގަތުމުން އެމަނިކުފާނަން މަރުޙަބާ ދެންނެވުމުގެ ގޮތުން ގަމުގެ ތިން އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވެ އެވެ. އަދި އެ ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަމުގައި ބޭއްވި ޖަލްސާގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެއެވެ.