ރީ ރަސްޖިޓްރީ ކުރުމަށް ހުށަހަޅާއިވާ ބައެއް ފޯމްގައި މައްސަލަ ހުރި ކަމަށް ބުނެ އަނބުރާ ފޮނުވާލާފައިވަނީ ގަސްތުގައި ވޯޓު އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ރ. އިނގުރައިދޫއަށް ވަޑައިގެން އެރަށުގައި ތިބި ކޯލިޝަނަށް ތާއިދުކުރައްވާ ފަރާތްތަކާ ބައްދަލު ކުރައްވާ އިބޫ ވިދާޅުވީ އެމީހަކަށް ނޭނގި އެހެން ތަންތަނަށް ރަޖިސްޓްރީ ކޮށްފައި ހުންނަނީ ވެސް އޮޅިގެން ނޫން ކަމަށާއި އެއީ އިންތިހާބު އޮޅުވާލުމަށް ވަކި ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ ރީ ރަޖިސްޓްރީ ކުރުމަށް ހުށައެޅި ފޯމްތަކުގެ ތެރެއިން 5600 އަށްވުރެ ގިނަ ފޯމް ބާތިލްކުރި މައުލޫމާތު ލިބޭއިރު އޭގެ ތެރޭގައި ހިމެނެނީ ކޯލިޝަނަށް ތާއިދުކުރާ ފަރާތްތައް ކަމަށެވެ.
"މިކަމަކީ ގަސްތުގައި ނުފޫޒު ބޭނުން ކޮށްގެން އޮޅުވާލަން ކޮށްގެން އުޅޭ ކަމެއް،"އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ވޯޓު އޮޅުވާލުމަށް އެ މަސައްކަތް ބަޔަކު ކުރަމުންދަނީ ކޮންތާކު ތިބެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނުގެ މަންމާފުޅު ވެސް ލަންކާއަށް ވޯޓުލުމަށް ރަސްޖިޓްރީ ކުރުމަށް ހުށަހެޅުއްވި ފޯމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރުގެ ދަރިކަލުންގެ ފޯމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަނބިކަނބަލުން ހުށަހެޅުއްވި ރީ ރަޖިސްޓްރީ ފޯމް ރިޖެކްޓްކޮށްލާފައި ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް އެހެން ކުރިމަތިކުރުވާ ދަތިތައް ގިރާކުރުމަށްފަހު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އެގޮތުން އެއްވެސް މީހަކު ރަޖިސްޓްރީ ނުވެ އޮތިއްޔާ އަނެއްކާ ވެސް ރަޖިސްޓްރީ ކުރެއްވުމަށް އިބޫ ވަނީ ގޮވާލައްވާފަ އެވެ.
މީގެ އިތުރުން އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަކީ ކުރިއެރުވިދާނެ ދާއިރާއެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ދާއިރާއިން ސްކޮލަރޝިޕްތައް ދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ އެމަނިކުފާނުގެ ވެރިކަމުގައި އިނގުރައިދޫގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެހެންމެ ރަށުގައި ތިބެ އޭ-ލަވެލްއަށް ކުދިންނަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.