ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަތޮޅުގެ ބައެއް ރަށްތަކަަށް ވަޑައިގަތުމުން އެމަނިކުފާނުގެ ގައިކޮޅުގައި ކުލަ ހާކައިފި އެވެ.
ބުރާސްފަތި ދުވަހުގެ މެންދުރުވާން ކައިރިވެފައި ހުއްޓާ އިބޫ ހުޅުދުއްފާރަށް ވަޑައިގަތުމުން އެންމެ ފުރަތަމަ އެމަނިކުފާނުގެ މޫނުފުޅުގައި ކުލަ އުނގުޅީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިބި މީހުންނެވެ. އަދި އެ ކުލައިން އެމަނިކުފާނާއެކު ވަޑައިގެން އެހެން ބޭފުޅުންނަށް ވެސް ސަލާމަތް ވެވަޑައިނުގެންނެވުނެވެ.
އިބްރާހިމް މުހައްމަދު ސޯލިހު އެރަށުގައި ތިބި ސަޕޯޓަރުންނާ ވާހަކަ ދެއްކުމަށް ވަޑައިގަތީ މޫނުގައި ހުރި ކުލަތައް ފޮހުމަށްފަހު އެވެ. ނަމަވެސް އެމަނިކުފާނު އެރަށުން ވަޑައިގެންނެވުމަށް ލޯންޗަށް އަރާވަޑައިގަންނަވަނިކޮށް އަނެއްކާ ވެސް އެމަނިކުފާނުގެ ގަމީހުގައި ކުލަ އުނގުޅި އެވެ.
އެންމެ ފަހުން އެމަނިކުފާނު އަނގޮޅިތީމަށް ވަޑައިގަންނަވަން ޖެހުނީ ކުލައިން "ތަތްތެޅިފައިވާ" ހުދުގަމީހާ އެކު އެވެ.
އީދު ދުވަހުގެ ދެ ވަނަ ދުވަހު ހުޅުދުއްފާރުގައި ކުލަ ޖެހުމަކީ އީދުގެ ކުޅިވަރުގައި ހިމެނޭ ކަމެކެވެ. އެއިން އެ ދުވަހު ސަލަމަތްވުމަކީ އުނދަގޫ ކަމެކެވެ.
ދެން އެމަނިކުފާނު ރަސްގެތީމަށް ވަޑައިގެންނެވުމުން އެރަށުން ވެސް ވަނީ ވަރަށް ގިނައިން އެމަނިކުފާނުގެ މޫނުގައި އާއި ގައިކޮޅުގައި ކުލަ އުނގުޅާފަ އެވެ. އަދި އެމަނިކުފާގެ ގަމީސްކޮޅާއި މޫނު ހުރީ އެކި ކުލަތަކުން ޖަރީވެފަ އެވެ.