ވަގުންނާ ދިމާލަށް ވަގުންނޭ ބުނެވޭނެ ކަމަށާއި އެގޮތަށް ގޮވަންޖެހޭނި ވަގެއްކަން ސާބިތުކޮށްދިނުމަށްފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވީ އެމަނިކުފާނަށާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން ރައްދު ކުރަމުންދާ ބަހުގެ ހަލަތަކާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންދަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ރައީސް ޔާމީންގެ އަމިއްލަ އެކަންޓަށާއި އަމިއްލަ ގެކޮޅަށް ވެއްދި މައްސަލައާ ގުޅިގެންނެވެ.
ހދ. ކުޅުފުއްފުށީގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވައްކަމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ކަމަށް ބުނާނަމަ، އެކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެކަން ހައްލުވާން ޖެހޭނެ ކަމަށެވެ.
"ވަގުންނާ ދިމާލަށް ވަގުންނޭ ބުނެވޭ. ކޮރަޕްޝަނާ ދިމާލަށް ކޮރަޕްޝަނޭ ބުނެވޭނެ. ޝައްކެއް ވެސް ނެތް ބުނެވޭނެ. އެކަމަކު މައްސަލައަކަށް ވަނީ ވަގުންނާ ދިމާލަށް ވަގުންނޭ ބުނާއިރު، އެބަޖެހޭ ސިޔާސީ ލީޑަރުން ކަމަށްވަންޏާ ވިސްނާލަން، އެ މީހެއްގެ ވައްކަން ސާބިތުކޮށްލައްވާ ފުރަތަމަ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، މި ސަރުކާރުގައި ހިނގާފައިވާއިރު، އެ ފައިސާގެ ތެރެއިން ބައެއް ފައިސާތައް އިދިކޮޅު ފަރާތްތަކަށް ލިބުނު ކަމަށް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ. އެމްޑީޕީގެ ސަރުކާރުގެ ބައެއް ވަޒީރުން ކޮރަޕްޝަން ހިންގެވި ކަމަށް ތުހުމަތު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެފަދަ ވަޒީރުން ދައުލަތުން ނެންގެވި ފައިސާ އަމިއްލަފުޅަށް ދައުލަތަށް ދައްކަވާފައިވާ ކަމަށެވެ.
"...މިސާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާނަން ހާރިޖީ ވަޒީރަކަށް ހުންނެވި ޑރ. ޝަހީދު، އެމަނިކުފާނު ކުރެން އެ ބޭފުޅުން އައްސަވަންވީ ނޫންތޯ އެ މަނިކުފާނަށް ސިޓީއެއް ދިޔަތޯ؟ ބަޖެޓް ރިޕޯޓުގައި އޮތް ފައިސާއެއް ދެއްކެވިތޯ؟ އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑު ސިޓީ ފޮނުވީމު. އޭނާ ވަނީ ފައިސާ ދައްކަވާފަ. އަޅުގަނޑުމެން އެހެން ބޭފުޅުންނަށް ވެސް ސިޓީ ފޮނުވީމު، އޭގެ ތެރެއިން ބައެއް ބޭފުޅުން ފައިސާ ދައްކަވާފަ ވަނީ. އެނެއް ބައި މައްސަލަތައް އެހުރީ މަދަނީ ކޯޓުގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.
ކުޅުފުއްފުށީގައި އެއާޕޯޓުގެ މަސައްކަތަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މާލޭގައި ދިރިއުޅޭ ކުޅުދުއްފުށީ މީހުން ވޯޓުލާން ރަށަށް ދާންދާނީ ފްލައިޓުގައި ކަމަށެވެ.
އުތުރުގެ ތަރައްގީގެ ނާރެހަކީ ކުޅުދުއްފުށި ކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެ ރަށުން ވޯޓު ދީފިނަމަ، އިތުރު މަގުތައް އެ ރަށުގައި ހެދިގެންދާނެ ކަމަށެވެ.