ދެކޮޅުނުޖެހޭ ވާހަކަތައް ދައްކަވައިގެން ބޭޒާރުނުވެ ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން ގޮވާލައްވައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ ނ. މިލަދޫގައި ބޭއްވި ޖަލްސާގައި ޑރ. ހުސައިން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އޮތީ އެންމެ ބުރެއް ކަމަށާއި އެހެން ކަމުން އެއްބުރުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ހޮވަންޖެހޭ ކަމަށެވެ. ރައީސް ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހާ، ދެބޭފުޅުންނަކީ އުޑާއިބިމާހާ ތަފާތު ދެބޭފުޅުން ކަަމަށް އޭނާ ވިދާޅުވިއެވެ.
"އިބްރާހީމް މުހައްމަދު ސޯލިހަކީ ހަގީގަތުގައި ވެސް ސޯލިހު ބޭފުޅެއް. ރައީސް ޔާމީނާ ޚިލާފަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ނެތް. އެމަނިކުފާނަކީ އެއްވެސް ކިލަނބުކަމެއް ނެތް ސާފު ބޭފުޅެއް"ހުސައިން ވިދާޅުވިއެވެ.
ޑރ.ހުސައިން ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅު މިހާރު ހުރީ މަސް ނުބޭނުމުން ކަނޑު ނުބައިވާ އުސޫލަށް ކަމަށެވެ. ކައުންސިލްތަކުން ހުރަސްއަޅާ ވަރުން ތަރައްގީ ނުގެނެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު ގާނޫނުތަކަށް ބަދަލުގެނެސްގެން ކައުންސިލްތަކުގެ ހުރިހާ ބާރެއް އެމަނިކުފާނު ވަނީ މުށުތެރެއަށް ނަންގަވާފައި ކަމަށް ވިދާޅުވެ، ޑރ. ހުސައިން ވަނީ އެކަންކަން ރައީސް ޔާމީން ހަނދުމަފުޅު ނެތުނީތޯ ސުވާލު އުފައްދަވާފައެވެ.
ޑރ.ހުސައިން ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ޚިޔާރުކުރާނީ ރައްޔިތުން ކަމަށާއި އެއީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ކުރައްވަން ޖެހޭ ކަމެއް ނޫން ކަަމަށެވެ.
ތިން ބާރު މުށުތެރެއަށް ލައްވައި ރައްޔިތުންގެ މައްޗަށް ޚުދުމުޚުތާރު ވެރިކަމެއް ކުރަން ގާނޫނުއަސާސީން ބާރުދީފައި ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.