ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އިންތިހާބުގެ ކެމްޕެއިން ކުރުމަށް ދީން ހަތިޔާރަކަށް ނަގައިގެން ދިވެހިންގެ ސިކުނޑިތަކަށް ސަވާރުވުމަށް މަސައްކަތް ކުރިނަމަވެސް އެކަމެއް ކާމިޔާބެއް ނުވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އއ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމުގެ ގޮތުން އެ އަތޮޅު ތޮއްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އިންތިހާބާއި ދީނާއި ގުޅުވައިގެން ޕީޕީއެމުން ވާހަކަ ދައްކަވާއިރު ރާއްޖޭގެ މިސްކިތްތަކުގެ މަރާމާތަށް ހޭދަ ކުރަނީ ކިހާވަރެއްތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީންގެ ސަރުކާރުން މިސްކިތްތަކުގެ މަރާމާތަށް އެކަށީގެންވާ ހޭދައެއް ނުކުރާކަން ފާހަގަކޮށް ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މިއަދު ދީން ހަތިޔާރަކަށް ނަގައިގެން ދިވެހިންގެ ސިކުނޑިތަކަށް ސަވާރުވުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.
ފައިސަލް ވިދާޅުވީ ގުޅުފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އިސްލާމިކް މިނިސްޓަރީ މެދުވެރިކޮށް ހުކުރު ޙުތުބާ ސިޔާސީ ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ދިވެހިންނަށް ލިބިގެންވާ ފުރުސަތު ގެއްލުވާނުލުމަށެވެ. މި އިންތިހާބު ގުޅިފައިވަނީ ރައްޔިތުންގެ މުސްތަގުބަލާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ސަރުކާރުގެ އިސްބޭފުޅުންނަށް، ވެރިކަމަށް ވަޑައިގަންވަނީ ކޮންކަމެއް ކޮށްދެއްވަންތޯ ވެސް ހަދާންނެތް ކަމަށެވެ. އެކަން ތޮއްޑޫގެ ހަލާކުވެފައިވާ ބަނދަރާއި، ރަށުގެ މަގުތަކަށް ބަލާލުމުންވެސް ހާމަވާ ކަމަށެވެ.
ތޮއްޑޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެ. ބުރާސްފަތި ދުވަހު ފައިސަލް ފެއްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ހިމަންދޫއަށެވެ. އެއަށް ފަހު ދެން ވަޑައިގަތީ އެ އަތޮޅު މާޅޮސް، ފެރިދޫ އަދި މަތިވެރިއަށެވެ. ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ ބޮޑުފުޅުދޫއަށެވެ. އެއަށްފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ އަދި ތޮއްޑޫއަށް ވަޑައިގެންނެވިއެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ޖުމްލަ އަށް ރަށަކަށް ވަޑައިގެންނެވުމަށްފަހު ތޮއްޑޫ ޖަލްސާއަށްފަހު ފައިސަލް މާލެ ވަޑައިގަންނަވާނެއެވެ.