ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 13:53
އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް
ރާއްޖެއެމްވީ
އައިޖީއެމްއެޗްގެ އިހުމާލު
ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
އައިޖީއެމްއެޗުން 2 ފަހަރަށް ކުއްޖާގެ ލޭ ނެގި
ފަހަރެއްގައި ކުއްޖާ އެޑްމިޓް ކުރަންޖެހިދާނެ ކަމަށް ނަރުހުން އައިސްބުނެފައިވޭ
ކުއްޖާ ހުން ގަދަވެފައި އޮތީ އެއްވެސް ފަރުވާއެއް ނުލިބި

ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތުގެ ދަށް ވާހަކައަކީ އާއްމު ރައްޔިތުން އަބަދުވެސް ދައްކަމުންދާ ވާހަކަތަކެވެ. ގައުމުގެ ވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުން މި ނިޒާމުގެ އިތުރަށް ހަރުދަނާކުރާނެ ކަމަށް ވިދާޅުވާ ވާހަކަތައް ވެސް އަލެއް ނުވާނެއެވެ. އައު ޚިދުމަތްތައް ތައާރަފްކޮށް، ޚިދުމަތްތައް ފުޅާކުރާ ކަމަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ހާމަކުރި ނަމަވެސް ދޭތެރެއިން ދޭތެރެއިން ހޮސްޕިޓަލްތަކުގެ އިހުމާލުން ނުވަތަ ޚިދުމަތް ނުލިބިގެން ފުރާނައެއް ގެއްލޭ ވާހަކަ ނުވަތަ ބޮޑު އަނިޔާއެއް ލިބޭ ވާހަކަ ފެންމަތިވެގެންދެއެވެ. މިރޯދަމަހާއި ދިމާކޮށް އަނެއްކާ ވެސް މިވަނީ ސިއްހީ ފަރުވާ ދޭ ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދެއްކުމަށް އާއްމު ރައްޔިތުންނަށް ވަރަށް ބޮޑަށް އުދަނގޫވެފައެވެ.

އެގޮތުން މިމަހުގެ 16 ވީ ހޮނިހިރު ދުވަހުގެ ރޭ މަންމައަކު ވަނީ ''ޑޮކްޓަރުންގެ ލަފަޔާއި ދެކޮޅަށް ހޮސްޕިޓަލުން ބަލިމީހާ ގެންދާނަމަ ދޫކުރާ ފޯރމް''ގައި ސޮއިކުރުމަށްފަހު ހަ މަހުގެ ދަރިފުޅު ގޮވައިގެން ގޮސްފައެވެ.

މިހާދިސާ ރާއްޖެއެމްވީއާ ހިއްސާކުރަމުން 6 މަހުގެ އެ ތުއްތު ކުއްޖާގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު ހުން އަންނަތާ ދެތިން ދުވަސްވެފައިވާ ކަމަށާއި، ހޮނިހިރު ދުވަހު ފުރަތަމަ ޑޮކްޓަރަށް ދެއްކީ އޭޑީކޭއަށް ކަމަށެވެ. ލޭ ނަގައި ޓެސްޓުތަކެއް ހެދި ކަމަށާއި، ރިޕޯޓު ދޫކުރުމަށްފަހު ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެންގި ކަމަށެވެ. ނަމަވެސް ރިޕޯޓު ދައްކާލަން ވެސް ޑޮކްޓަރެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

ދަރިފުޅުގެ ހާލު އިތުރަށް ގޯސްވާތީ، ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި އައިޖީއެމްއެޗްއަށް ދިޔަ ކަމަށާއި، އެމަރޖެންސީގައި ކުއްޖާ ބޭއްވި ކަމަށެވެ. އިރުކޮޅަކުން ނަރުހުން އައިސް ކުއްޖާގެ ލޭ ނަގަންޖެހޭ ކަމަށް އެންގުމުން އޭޑީކޭއިން ހެދި ރިޕޯޓު އޮތް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އައިޖީއެމްއެޗުން ބޭނުންވީ އަލުން ލޭނަގައި ޓެސްޓު ހަދަންށެވެ. އެހެންކަމުން އެކަމަށް ހުއްދަ ދިނެވެ.

ހޮނިހިރު ދުވަހުގެ ރޭ 7:00 ވީއިރު ޑޮކްޓަރެއް ބެލުމަށް ނާންނާތީ ގޮސް ނަރުހުން ގާތު އެހުމުން ޕްރޮސަސް ކުރިއަށްދާ ކަމަށް އެންގިއެވެ. ގާތްގަނޑަކަށް އެރޭ 10:00 ހާއިރު އަނެއްކާ ވެސް ނަރުހުން އައިސް އަލުން ލޭގެ ޓެސްޓު ހަދަންޖެހޭ ކަމަށް ލެއަށް މައްސަލައެއް ދިމާވި ކަމަށް އެންގިއެވެ. ނަމަވެސް ސާފުކޮށް ވީ ގޮތް ހާމަނުކުރާ ކަމަށް އޭނާ ބުންޏެވެ.

ދަރިފުޅުގެ މަންމަގެ ހިތަށް އުދަނގޫވި ނަމަވެސް ދަރިފުޅަށް ފަރުވާ ދޭން ބޭނުންވާތީ އަނެއްކާ ވެސް ވަރަށް އުދަނގުލުން ކުއްޖާގައިން ލޭ ނެގިއެވެ. އޭރު ވެސް ނަރުހުން ބުނަމުން ދަނީ ފަހަރެއްގައި ކުއްޖާ އެޑްމިޓް ކުރަންޖެހިދާނެ ކަމަށެވެ.

ވާނުވާގައި އެ އާއިލާ އެމަޖެންސީ ބައިގައި ތިބިއިރު ހޮނިހިރު ދުވަހުގެ ރޭ 12:30 ވީއިރު ވެސް ޑޮކްޓަރު ކުއްޖާ ބަލާކަށް ނާދެއެވެ. ކުއްޖާއަށް ވަނީ ކިހިނެތް ކަމެއް ނާނގައެވެ. ގާތްގަނޑަކަށް 8 ގަޑިއިރަށްވުރެ ގިނައިރު ކުއްޖާ ހުން ގަދަވެފައި އޮތީ އެއްވެސް ފަރުވާއެއް ނުލިބިއެވެ. ކުރެވުނުހާ ވެސް ކަމަކީ ކުއްޖާ ރޮއްވާލާފައި ދެފަހަރަކު ލޭ ނެގުމެވެ.

މިކަމާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހުމުން ކުއްޖާގެ މަންމަ ބޭނުންވީ ކުއްޖާ ގޮވައިގެން އައިޖީއެމްއެޗް ދޫކޮށްދާށެވެ. ހޮސްޕިޓަލުން ދޫކޮށްލަދޭން އެދުމުން ''ޑޮކްޓަރުންގެ ލަފަޔާއި ދެކޮޅަށް ހޮސްޕިޓަލުން ބަލިމީހާ ގެންދާނަމަ ދޫކުރާ ފޯރމް''ގައި ސޮއިކުރުމަށް އެންގިއެވެ. ކުއްޖާއަށް އެއްވެސް ގެއްލުމެއްވި ނަމަވެސް ހޮސްޕިޓަލުން އެއްވެސް ޒިންމާއެއް ނުނަގާ ގޮތަށެވެ. އެކުއްޖާގެ މަންމަ ފޯމްގައި ސޮއިކުރުމަށްފަހު ފޯމްގެ ތިރީގައި ލިޔެފައިވެއެވެ. ''އިގްރާރުގައި ސޮއިމިކުރަނީ ހޮސްޕިޓަލްގެ އިހުމާލު އޮވެ ދަރިފުޅު ގޮވައިގެން ދިއުމަށް މަޖުބޫރުވީމައެވެ''

މިފޯމްގައި ބުނެފައިވާ ގޮތުން ގޯސްވެފައި މިއޮތީ ކުއްޖާގެ މަންމައެވެ. ގިނައިރުތަކެއް ވަންދެން ޑޮކްޓަރަކު ނައިސް، ފަރުވާއެއް ނުދީ އޮތް އޮތުން ގޯހެއް ނުވިއެވެ.

ޑޮކްޓަރުންގެ ލަފަޔާއި ދެކޮޅަށް ހޮސްޕިޓަލުން ބަލިމީހާ ގެންދާނަމަ ދޫކުރާ ފޯރމް

މިހާދިސާއާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރޯދަމަހާއެކު ސަރުކާރުގައި މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ހާލަތަކީ މިއީ ކަމަށްވާނަމަ މިކަމުގެ ހިތި ތަޖުރިބާ ވަރަށް ގިނަ ރައްޔިތުން ކުރާނެއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ކުރިމަތިނުވާނެ ގޮތަކަށް ޚާއްސަ ފިޔަވަޅުތަކެއް އަޅައި، މިފަދަ މައްސަލަތައް ބެލޭނެ ނިޒާމެއް ކަނޑައަޅަންޖެހެއެވެ. އެހެންނޫން ކަމަށްވާނަމަ ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ.

- ކޮމެންޓް