ހޮބީއެއްގެ ގޮތުގައި އެކި މީހުން ކޮށް އުޅެނީ އެކި ކަންކަމެވެ. ޝައުގުވެރިވަނީ ވެސް އެކި މަސައްކަތަށެވެ. އެގޮތުން ގައުމުތަކުގައި ސިޔާސީ ލީޑަރުން ހޮބީގެ ގޮތުގައި ވަރަށް ތަފާތުކަންކަމަށް ޝައުގުވެރިކަން ހުރެ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ހޮބީ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟
މިއީ އިބޫގެ ހޮބީގެ ވާހަކަ އެވެ. އިބޫ ވިދާޅުވާ ގޮތުގައި ހޮބީއެއްގެ ގޮތުގައި އެންމެ ކުރާ ހިތްވާ ކަމަކީ ފޮޓޯ ނެންގެވުމެވެ.
އިބޫގެ މި ޝައުގު ފެށިފައިވަނީ ސްކޫލް ދައުރުގަ އެވެ. އެ ދުވަސްވަރު ވެސް އަތަށް ހެޔޮވަރު، އޭރާ ބަލާއިރު ރަނގަޅު ކެމެރާއެއް އިބޫ ގެންގުޅުއްވިއެވެ. އެހެންވެ، އިބޫ ވިދާޅުވަނީ އެންމެ ފަހުގެ ކެމެރާއެއް ދިނަސް ހަމަ އެގޮތަށް ފޮޓޯ ނެންގެވޭނެ ކަމަށެވެ. ވިޔަފާރި އުސޫލުން ފޮޓޯ ނެންގެވުމުގެ ޚިދުމަތުގެ ތެރެއަށް ވަދެވަޑައިނުގެންނެވި ނަމަވެސް، ހުންނަ ޝައުގެއްގެ ބޮޑުކަމުން އިބޫ ވަނީ ޕްރޮފެޝަނަލް ފޮޓޯގްރަފީ ކޯހެއްވެސް ފުރިހަމަކުރައްވާފައެވެ.

"އަޅުގަނޑު ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއް އެއީ ފޮޓޯނެގުން. އެންމެ ކުރީއްސުރެވެސް. ޕްރޮފެޝަނަލް ފޮޓޯގްރަފީ ކޯހެއްވެސް އަޅުގަނޑު ހެދިން. ތަންކޮޅެއް ރީއްޗަށް ފޮޓޯ ނަގަންވެސް އިނގޭ. އަޅުގަނޑުގެ އިންސަޓަރގްރާމުގައި ހުންނާނީ އަޅުގަނޑު ނަގާފަ ހުރި ފޮޓޯތައް. އެހެންމަ ފޮޓޯތައް އޭގަ ފެންނާނީ. އެހާ ގޯހެއް ނުވާނެ ފޮޓޯތަކެއް،" ރާއްޖެ ޓީވީގެ "އިބޫ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.
ހަޔާތުގައި ފާހަގަކޮށްލެވޭ ހިނދުކޮޅުތަކާއި ގުދުރަތީ ރީތި މަންޒަރުތައް އެހެން މީހުންނާ ހިއްސާކުރުމުގައި މަގުބޫލް އިންސްޓަގްރާމުގައި، އިބޫ އެކައުންޓެއް ވެސް މިދިޔަ އަހަރު ވަނީ ހުޅުވައިފަ އެވެ. އިބޫ އިންސްޓަގްރާމްކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި ގިނައިން ހުރީ ގުދުރަތީ މަންޒަރުތަކެވެ. އިރު އޮއްސޭ ހިންގައިމު މަންޒަރުތަކާއި، ރިސޯޓުތަކުގެ ރީތި ދޮންވެލި ގޮނޑުދޮށްތައް ފެންނަ އެ ފޮޓޯތައް ވަރަށްވެސް ހިތްގައިމެވެ.
ކެމްޕެއިން ދަތުރުތަކުގައި މިހާރު ރަށްރަށަށް ވަޑައިގަންނަވާއިރު، ރަށްރަށުގެ މަލަމަތި، އަދި ގުދުރަތީ މަންޒަރުތަކާއި މަރުޚަބާ ކިޔުމަށް އެއްވެފައިވާ މީހުން އެ މެނިކުފާނަށް ފެނިވަޑައިގަންނަވަނީ ފޮޓޯ ނެގުމަށް ކޮމްޕޮސިޝަން ހަމަ ގޮޅިއެއް [ރޫލް އޮފް ތާޑްސް]ގެ ގޮތުގަ އެވެ. މިއީ އެންމެ ޕްރޮފެޝަނަލް މީހުން ވެސް ފޮޓޯ ނެގުމުގައި ބަލާ އެންމެ އަސާސީ މިންގަނޑެވެ. މިކަމުން އެކަނި ވެސް އިބޫގެ ފޮޓޯގްރަފީ ހުނަރު އެނގެ އެވެ.

އިބޫ ނޫސްވެރިއެއްގެ ގޮތުން ވެސް ފޮޓޯ ނަންގަވާފައި އެބަ ހުއްޓެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި، އެ މަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އޭރު ނެރަމުން ދިޔަ "ސަންގު" ނޫހަށް ފުރުސަތު ދިނެވެ. ސަންގު ނޫހުގެ ފަރާތުން ވަޑައިގެންނެވީ އޭރު ނޫސްވެރިއަކަށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހެވެ. އިބޫ ހުންނެވީ ފޮޓޯ ގްރާފަރެއްގެ ގޮތުގަ އެވެ.
