ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 18:02
ތ. އަތޮޅު ތިމަރަފުށި
ތ. އަތޮޅު ތިމަރަފުށި
މުހަންމަދު ވިސާމް
ރިޔާސީ އިންތިހާބު 2018
ތިމަރަފުށީގެ ހިއްކި ބިމަށް ބަލަހައްޓައިގެން ތިބެ ރައްޔިތުން ދިރިއުޅުމަށް ކުލި ދައްކަނީ!
ރައީސް ނަޝީދުގެ ވެރިކަމުގެ ތިމަރަފުށީގައި 78 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި
އެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވޭ

އާބާދީގައި 2864 މީހުން އެރަށުގައި ދިރިއުޅެމުންދަނީ މަޖުބޫރީ ހާލަތުގައެވެ. ގޯތި ގެދޮރުގެ ދަތިކަމުނެވެ. ގޯތި ދޫކުރަން އެރަށުގެ ރައްޔިތުން އަދޭސް ދަންނަވަނީއެވެ. އެވާހަކަ އަޑުއަހާނެ މުވައްސަސާއެއް، އަދި އެ ވާހަކަ އަޑުއާނެ ވެރިއެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އުފަން ރަށް ދޫކޮށް މާލޭއަށް ދިރިއުޅުން ބަދަލުކުރި ރައްޔިތުންގެ އަދަދު ވެސް މަދެއް ނޫނެވެ. މިހާލަތަށް ތިމަރަފުށި ދާންޖެހުނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގޯތި ދިނުމުގެ ވިސްނުން ނެތީމައެވެ. އެރަށުގެ ރައްޔިތުންގެ ލޯ ކުރިމަތީގައި ރައީސް ނަޝީދުގެ ވެރިކަމުގައި ހިއްކި 78 ހެކްޓަރުގެ ބިން އޮވެމެ، ގޯތި ދޫނުކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުން އެރަށުގެ ރައްޔިތުންނަން ކުރި މަލާމާތަކޭ ވެސް ބުނެވިދާނެއެވެ. ހަމައެކަނި ތިމަރަފުއްޓެއް ނޫނެވެ. ކުރީގެ ސަރުކާރުތަކުން ހިއްކި ބިމުން ގޯތި ނުދޭ، ޅ. ހިންނަވަރު ފަދަ ބައެއް އެހެން ރަށްރަށް ވެސް އެބަހުއްޓެވެ. 

ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް ވިދާޅުވީ ބަންޑާރަ ގޯތި ރަށުން ދޫކުރުމަށް އެދި ހައުސިންގ މިނިސްޓްރީއަށް ކައުންސިލްގެ ފަރާތުން އެދުމުން، ގޯތި ދޫކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ ތިމަރަފުށީ ފެލްޓް އަޅުމަށް ފަހު ރައްޔިތުންނަން ދޫކުރަން ކަމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ފްލެޓް ހެދުމުގެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވާ ތާރީހެއް ހާމެއް ނުކުރާއިރު ދައުރު ނިމޭއިރު ވެސް އެއްވެސް ގޯއްޗެއް ދޫކޮށްފައި ނުވާ ކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ.

"ރޯހައުސް ނުވަތަ ފުލެޓްގެ އެއްވެސް ޕްލޭނެން މައުލޫމާތެއް ވެސް ކައުންސިލާ ހިއްސާކޮށްފައެއް ނުވޭ" އިސްމާއިލް ވިދާޅުވިއެވެ.

ތިމަރަފުށީގެ މަގެއް

މިއީ އެރަށުގެ ރައްޔިތުންނަށް ބަލައިގަންނަން ފަށޭހާ ކަމެއް ނޫނެވެ. އެމްޑީޕީ ސަރުކާރުގައި ތިމަރަފުށީގައި ބިންހިއްކީ ގޯތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. އެހެންނަމަވެސް ކަންދިމާކުރި ގޮތުން ދައުރުގެ މެދުތެރެއިން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީއެވެ. އެއާ އެކު ލޭންޑް ޔޫސް ޕްލޭން ހަދަން ފަށާފައިވާ 78 ހެކްޓަރުގެ ބިމުގެ މަޝްރޫ ހުއްޓުމަކަށް އައެވެ. މިއަދު އެރަށުގެ ރައްޔިތުންނަން އެކަމުގެ ހިތްދަތިކަން ތަހައްމަލްކުރަން ޖެހުމަކީ ސަރުކާރުން ކުރި ޖެއްސުމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން އެރަށުގެ ހަ އާއިލާ މިހާރު ވެސް އެކި ގޭގޭގައި ކުއްޔަން ކޮޓަރި ހިފައިގެން އެބަ ދިރިއުޅެއެވެ. އުފަން ބިމުގައި އެމީހުންގެ ބާރު ހިނގާ ކައިވަތެއްހާ ހިސާބު ވެސް ނެތެވެ.

"މާލެ އެކޭ އެއްގޮތަށް ގޮޅި ގޮޅީގައި އާއިލާތަށް ބަހާލައިގެން ރަށުގައި މިއުޅެނީ، ކޮންމެ ކުއްޖަކަށް ވެސް ގެއިން ވާނެ ތަންކޮޅުގައި. އެންމެ ފަހުން ގޯތި ދޫކުރީ ރައީސް މައުމޫން ސަރުކާރުގައި އޭރު ރަށް ފުރިފައި އޮތީ. ދެން ރައީސް ނަޝީދު ސަރުކާރުގައި ބިން ހިއްކުމަކީ ވެސް ގޯތި ދޫކުރުން. އެކަމަކު ލޭޑް ޔޫސް ޕްލޭން ފައިނަލް ނުވަނީސް ވެރިކަން ބަދަލުވީ. ރައީސް ޔާމީންގެ ސަރުކާރުގައި ގޯތި ދޫނުކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުން ރަށުގައި ކުއްޔަށް އުޅެން އެބަޖެހޭ. ވަރަށް ހިތްދަތިކޮށް ރައްޔިތުން ދިރިއުޅެނީ ބިން އޮވެ ބިމުގެ ބޭނުން ނުކުރެވި،" ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވިއެވެ.

ތިމަރަފުށީގައި ރައީސް ނަޝީދު ސަރުކާރުން ހިއްކި ބިން

މީގެ އިތުރުން މިއަދު އެރަށުގެ ރައްޔިތުންނަން ވާރޭ ވެހިއްޖެ ނަމަ މިހާރު ދިރިއުޅޭ ގޯތިތަކުގެ ދިރިއުޅެން ދަތިވެއެވެ. ރަށުގެ ފަސްގަނޑު ލެވަލް ނުވުމުގެ ސަބަބުންނާއި މަގު ރަގަނޅު ފެންވަރަކަށް ހެދިފައި ނެތުމުންނެވެ. ރައީސް ނަޝީދު ވެރިކަމުގައި ހިއްކި ސަރަހައްދު ރަށުގެ މީހުން ދިރުއުޅޭ ސަރައްދަށް ވުރެ އުސްވުމުން އެތަނުގައި ހެދޭ ފެންގަނޑު ވެސް ދެމިގަންނަނީ ރަށު ތެރެއަށެވެ. ވާރޭވެހިއްޖެ ނަމަ ގޭބިސީތަކުގެ ތެރޭގައި ފެންބޮޑުވެ ހިފާގެންގުޅޭ އެއްޗެހި ހަލާކުވެއެވެ. މިއީ އެއްދުވަހަކު ދެ ދަވަހަކު އެރަށުގެ ރައްޔިތުންނަން ދިމާވާ މައްސަލައެއް ނޫންނެވެ. ވާރޭވެހޭ ކޮންމެ ދުވަހައެއްގަ ހާލަތެވެ.

"ހިއްކި ސަރަހައްދު ރަށުގެ ފަސްގަނޑަށް ވުރެ ތަންކޮޅެއް އުސްކުން ހުރުމުންނާއި، މަގުތަށް ރަނގަޅު ފެންވަރެއްގައި ހެދިފައި ނެތުމުން، ވާރޭވެހިއްޖެ ނަމަ ރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަން ދިރިއުޅެން ދަތިވޭ. ހަމަ ގޭތެރެއަށް ފެން ވަދެ، އެހެން ގޭގެ އަށް ވެސް އެ ދުވަސް ވަރު ބަދަލުވާންޖެހޭ. ކޮންމެ ފަހަރެއްގައި ހިފާގެންގުޅޭ އެއްޗެހި އުކާލަންޖެހޭ" 

މިހުރިހާ ދުވަހު އެރަށުގެ ރައްޔިތުން ހިތާ ހިތާ ސުވާލުކުރަމުން ދިޔައީ މިކަމަށް ހައްލެއް ލިބޭނީ ކޮން ދުވަހުންބާއެވެ؟ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ހޮވުނަސް ފާއިތުވު ފަސް ވަރަކަށް އަހަރު ތެރޭގައި ވެސް ގޯތި ދޫކޮށްފައި ނުވާތީ އާއި ފްލެޓް ވެސް އަޅާފައި ނުވާތީ މި ސަރުކާރާ މެދު އިތުރަށް ކުރެވޭނެ އުންމީދެއް ވެސް ނެތެވެ. އެހެންނަމަވެސް މިއަދު އެ ރައްޔިތުންގެ ހިތްތަކަށް އުންމީދު އާވެއްޖެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެމަނިކުފާންގެ ވެރިކަމުގެ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކުން ގޯތި ދޫކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. އެ އުންމީދާ އެކު ތިމަރަފުށީ ރައްޔިތުން ތިބީ ގޯތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ވެސް އިބޫ އަށް ވޯޓު ދިނުމަށް ތައްޔާރަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް