ޏ. ފުވައްމުލަކުންނާއި، ސ. ހުޅުދޫ އިން މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 24 އަހަރުގެ މީހަކާއި 49 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ 9:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ސ. ހުޅުދޫގައި މަސްތުވާތަކެތި ބޭނުންކުރަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހަމަ އެ ދުވަހުގެ ހެނދުނު 10:45 ހާއިރު ހިންގި އޮޕަރޭޝަނެއްގައި 49 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ހަތް ޕެކެޓް ފެނިފައިވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.