ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިއްދޫ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެންބަރު މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ޝަރުތު ހަމަވާ ފަރާތްތަކުން މިމުއްދަތުގައި ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިނިސްޓްރީންގެ އިއުލާނުގައި ބުނެފައިވަނީ ފޯމު ބަލައިގަންނާނީ ހައުސިންގ މިނިސްޓްރީއިންނާއި ދިއްދޫ ފެނަކަ ރީޖަނަލް އޮފީހުން ކަމަށެވެ.
ދިއްދޫގައި 250 ހައުސިން ޔުނިޓް ގާއިމްކޮށްފަވާއިރު 140 ހައުސިން ޔުނިޓް ވަނީ މީގެ ކުރިން ދޫކޮށްފައެވެ. އެހައުސިން ޔުނިޓްތައް ދޫކޮށްފައިވަނީ ޑައުންޕޭމަންޓްގެ ގޮތުގައި 19،000 ރުފިޔާ ދެއްކުމުންނެވެ. އަދި ކޮންމެ މަހަކު 2500 ރުފިޔާ މަހުފީ އެއްގެ ގޮތުގައި 20 އަހަރު ދުވަސް ވަންދެން ދައްކަން ޖެހެއެވެ.
ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރި އާއި ތިން ފާހާނައިގެ އިތުރުން ސިޓިންރޫމަކާއި ކައްކާ ތަނެއް ހިމެނެއެވެ.