މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް”ގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ޖުލައި 15 އިން 18 އަށް ޓްރެފިކް ޕޮލިސްގެ ރޯޑް ސޭފްޓީ ޔުނިޓުން ކުރިއަށްގެންދިޔަ މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޖުލައި 18 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ކޮށި މަލްޓި ޕަރޕަސް ހޯލްގައި ބާއްވާފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑުގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީއެވެ.
ޝަރަފްވެރި މެހްމާން މޫސާ އަލީ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަކީ ވަރަށްވެސް ބުރަ އަދި އެހާމެ ޒިންމާ ބޮޑު މަސްޢޫލިއްޔަތެއް އަދާކުރަމުން ގެންދާ ބައެއްކަމަށެވެ. ޚާއްޞަ ގޮތެއްގައި ރައްޔިތުންނާއި ވަރަށް ގާތުން ގިނަ ވަގުތު ޚިދުމަތްދޭ ބައެއްކަމަށާއި ޑްރައިވަރުންގެ އަޚްލާޤާއި ސުލޫކު ރަނގަޅު ގޮތުގައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.
މަގުމަތީގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފު ޢަމަލެއް މީހަކު ނުވަތަ ބަޔަކުގެ ފުށުން ފެނިއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ވީ އެންމެއަވަހަކަށް ފުލުހުންނާއި ޙިއްސާކުރުމަށް ވެސް މޫސަ އެދިލެއްވިއެވެ. އެފަދައިން ޙިއްސާކުރެވޭ މައުލޫމާތުގެ ސަބަބުން މުޖުތަމައުން ކުށްތައް މަދު ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ޓްރެފިކްގެ ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރިވެ އެކަންކަމަށް ކަމޭހިތައިގެން ޚިދުމަތްދޭ ނަމޫނާ ބަޔަކަށްވުމަށް ވެސް ބައިވެރިންގެ ފަރާތުން މޫސަ އެދިވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކޮށް ފާސްވި 51 ބައިވެރިއަކަށް ފާސްވިކަމުގެ ހަނދާނީލިޔުން ވަނީ ޙަވާލުކޮށްފައެވެ.
ޓެކްސީ ޓްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމަކީ މުޅިއަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެއްކަމަށް ފުލުހުން ބުނެއެވެ.