ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީ އާ ހިލާފު ހުށަހެޅުމެއް ކަމަށާއި އަދި ރިޝްވަތުުގެ އަމަލަކީ ބޮޑުވެގެންވާ ފާފައެއް ކަމަށް ރައީސް އަބްދުﷲ ޔާމިން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ހޯމަ ދުވަހު ޓްވިޓާ މެދުވެރިކޮށް އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ ކަމެއް ހުއްދަ ކުރަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށާއި އަދި ދީނާ ހިލާފު ގާނޫނެއް ހަދަން ގާނޫނު އަސާސީ ޖާގަވެސް ނުދޭ ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލިއަސް ކުށްވެރިންނަށް ނުފިލޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
Mi Islāh akee QA aai khilāfu husha helhumeh. Rishwathu ge amalakē bodu vegen vaa fāfa ey. Islam Dheen Harām koh fai vā kameh huhdha kuran Masaikah kohgen nuvāne, adhi Dheen āi khilāfah Qānoon hadhan QA jāga nudhey. Uvāliyas Kuhverinnah Nufileyne! https://t.co/f1obSEdDLr
— Mohamed Jameel Ahmed (@MJameelAhmed) July 30, 2018
ޑރ. ޖަމީލް މިހެން ވިދާޅުވިއިރު، ވެރިކަން ކުރާ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ މަޖިލީހަށް ހުށަހެޅުއްވި އިސްލާހު މިހާރު އޮތްގޮތަށް ފާސްވެ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާ އުވާލައިފިނަމަ ރާއްޖޭގައި ރިޝްވަތު ހިފުމާއި ދިނުން ކުށަކަށް ވުން ހުއްޓޭނެ ކަމަށް، ގާނޫނީ ދާއިރާގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އެ މާއްދާގައި ރިޝްވަތުގެ ވާހަކަ އަންނަނީ ދައުލަތުގެ މުވައްޒަފުންނާ ގުޅިގެން ކަމަށް ވާތީ، އާ އިސްލާހާ އެކު، ދައުލަތުގެ އެއްވެސް މުވައްޒަފަކާ ދެކޮޅަށް ރިޝްވަތުގެ ދައުވާއެއް ނުކުރެވޭނެ ކަމަށް ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލް، މިހާރު ވަނީ މަޖިލިހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ވެސް ފޮނުވައިފަ އެވެ.