ރައީސް ޔާމީނަށް ޕީޕީއެމުން ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ހެއްދެވީ ބޮޑު ދޮގެއް ކަމަށާއި ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވާއިރު އެފަދަ ދޮގުތައް ނުހެއްދެވުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިޙްގެ ތަރުޖަމާން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ
ޕީޕީއެމުން އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއަރޕޯޓް ޖީއެމްއާރަށް ވިއްކާލާފައި ކަމަށާއި އެކަމުގެ ސަބަބުން 400 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މާރިޔާ ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި އެމްޑީޕީ ސަރުކާރުން އެއަރޕޯޓް ވިއްކާނުލާ ކަމަށާއި ބަޔަކަށް ދިނީ ދިގު މުއްދަތަކަށް ކުއްޔަށް ކަމަށެވެ. އަދި އެއީ ދިވެހިންގެ ޖީބުން އެތައް ބައިވަރު ފައިސާއެއް ޚަރަދު ނުކޮށް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
މާރިޔާ ވިދާޅުވީ އެގޮތައް ހިންގަވަމުން ގެންދަވަނިކޮށް ކޮންޓްރެކްޓާ ޚިލާފަށް އެއްބަސްވުން އުވާލުމުން ރައްޔިތުންގެ ފައިސާއަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އައުން މަދުވެގެން ދިޔަކަމަށް މާރިޔާ ވިދާޅުވިއެވެ.
"އެބްއިނީޝިއޯއޭ ވިދާޅުވެ ބަންޑާރަނައިބު ލަފާދެއްވައިގެން ކޮންޓްރެކްޓް އުވާލުމުން ދިވެހިންގެ ޖީބުން 300 އެތައް މިލިއަން ޑޮލަރެއް ހޭދަވި ވާހަކަ އެދައްކަވަނީ. އަދި އެގޮތައް އެކަން ކުރެއްވީމާ ރާއްޖޭގެ އިންވެސްޓަރ ކޮންފިޑެންސް ގެއްލިގެން އެތައް ޒަމާނެއް ވަންދެން ބޭރުގެ އިންވެސްޓަރުން ނައިސް ތިބިކަންވެސް އެއީ ފެނިގެން ދިޔަ ހަޤީގަތެއް" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އެފަދަ ލަފާ ދެއްވުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގާފައި އެބަހުރި ކަމަށާއި ބަންޑާރަނައިބު (އާޒިމާ ޝަކޫރު) ދެއްވި ލަފާގެ ސަބަބުން 300 އެތައް މިލިއަން ޑޮލަރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން 100 މިލިއަން ޑޮލަރު ހޭދަކުރިކަމަށް ރައީސް ޔާމިން ވިދާޅުވާއިރު ހެދިފައިވަނީ 30 މިލިއަން ޑޮލަރުން ރައީސް މައުމޫން ހެއްދެވިވަރުގެ ރަންވޭއެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.