ކަމަދޫ އިން މުރުޝިދު އަބްދުލް ހަކީމް
އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި ރާއްޖެއަށް ބިދޭސީން ގެނައުމުގެ މަސައްކަތް އިމިގްރޭޝަނުގެ މަސައްކަތްތަކުގެ ތެރެއިން ވަކިކުރައްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ މެންދުރު ފަހު ކަމަދޫއަށް ވަޑައިގެން އެށުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އިބޫ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިން ކުރަން ޖެހޭ އެތައް މަސައްކަތެއްގައި ބިދޭސީން ޝާމިލުވެ އުޅެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދުގެ ބިދޭސީން އުޅެމުންދާއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދަކީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ތިން ލައްކައެއްހާ މީހުން ކަމަށް އިބޫ ވިދާޅުވިއެވެ.
ރާއްޖެއަށް އެކި ވަޒީފާތަކަށް އަންނަ ބިދޭސީންނަށް ހުއްދަ ދިނުމާއި އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ވެސް ކުރަމުންދަނީ އިމިގްރޭޝަނުންނެވެ. ނަމަވެސް އެސައްކަތްތައް އިމިގްރޭޝަނުން ނަގާފައި ހަވާލު ކުރައްވާނީ ކޮން ބަޔަކާ ކަމެއް އިބޫ ވިދާޅެއް ނުވެއެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނެ މަސައްކަތެއްގެ ގޮތުން ކަމަދޫއަށް އެންމެ ފުރަތަމަ ކޮށްދޭ ކަމެއްގެ ގޮތުގައި އެ ރަށުގެ ބޭރު ތޮށިގަނޑުލުމާއި ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމު ކޮށްދޭނެ ކަމަށެވެ. އަދި އެރަށުގައި ގިނަ ދުވަސްތަކެއް ވީއިރު ވެސް ނުނިމިހުރި ޒުވާނުންގެ މަރުކަޒު ނިންމާދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ދަތުރުފަތުރު ނިޒާމަކީ ގެސްޓް ހައުސްގެ ވިޔަފާރިއަށް އަށްވެސް އަދި އާންމު ދިރިއުޅުމަށް ވެސް މުހިންމު ކަމެއް ކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ދަތުރުފަތުރުގެ ނިޒާމް އަލުން ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ހަލުވި ބާރުމިނެއްގައި އެއްރަށުން އަނެއް ރަށަށް ދެވޭނެ ގޮތައް ފެރީގެ ނިޒާމް ބަދަލު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.