ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރާ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިޙްގެ ތަރުޖަމާން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ކެމްޕެއިންގައި ސަރުކާރުގެ ތަކެއްޗާއި މުވައްޒަފުން ބޭނުން ކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވި ވިދާޅުވުން އެއީ ހަޤީގަތެއްކަން ހާމަވަމުންދާ ކަމަށެވެ.
އެކަމުގެ ހެއްކެއްގެ ގޮތުގައި މާރިޔާ ވިދާޅުވީ ދާދިފަހުން ލީކުވި ވީޑިއޯގައި ފެންނަ ފަދައިން ޕީޕީއެމްގެ ޖަގަހައެއްގައި ރައީސް ޔާމީންގެ އަނބިކަންބަލުން މެޑަމް ފާތިމަތު އިބްރާހީމް ދައްކަވާ ވާހަކަ ކަމަށެވެ.
މާރިޔާ ވިދާޅުވީ އެމައްސަލަ މިހާރު ފުލުހުންނަށާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް އަދި އިލެކްޝަންސް ކޮމިޝަނަށްވެސް ވާނީ ހުށަހަޅާފައި ކަމަށެވެ
"ޕީޕީއެމްގެ ނައިބު ލީޑަރ އެވިދާޅުވާ ބަސްފުޅުތަކަށް ހެއްކާ ޤަރީނާ ލިބޭގޮތައް ފެނިއްޖެ، ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައެއް ވާހަކަފުޅުތައް ދައްކަވާތަން، ސިވިލް ސަރވިސްގެ މީހުން ފުރާ ފޯމްތަކާއި ސަރުކާރުގެ ކުންފުނިތަކުން ފުރާ ފޯމްތައް ޕީޕީއެމް އޮފީހަށް ގެނެސްގެން އެ އެއްޗެހި ދިރާސާކޮށްގެން ޕީޕީއެމް އޮފީހުން އެއްޗެހި ފޮނުވާނެ ވާހަކަ. ސިވިލް ސަރވިސްގެ މީހުންނާ ސަރުކާރުގެ އޮފީސްތަކާ އަދި ސަރުކާރުގެ ކުންފުނިތަކުން އެފުރާ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން އެއީ މައްސަލައެއް ނޫން. އެހެންވިއަސް ޕީޕީއެމް އޮފީހަށް ގެންނަވައިގެން ޕީޕީއެމް އޮފީހުން ބައްލަވައި އެކަންކުރައްވާކަމަށް ވާނަމަ އެއީ އެނައިބު ލީޑަރު ވިދާޅުވާހެން ސަރުކާރުގެ ވަސީލަތްތައް ޕީޕީއެމްގެ ކެމްޕެއިނަށް ބޭނުންކުރާކަމަށް ހެކިލިބޭ ކަމެއް" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މާލޭގެ ވަރަށް ގިނަ ގޭގެއަށް ވަދެވިއްޖެ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު، މިސަރުކާރު ބަދަލުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ޕީޕީއެމް މީހުން ދިރިއުޅޭ ގިނަ ގޭގެއަށް ވަދެވެފައިވާއިރު އެގޭގޭގެ މީހުންވެސް މިސަރުކާރު ބަދަލުކުރަން ނުހަނު ބޭނުންކަން އެނގިގެން ދިޔަކަމަށް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ ރީރަޖިސްޓަރ ކޮށްގެން ކަމަށާއި ރަޖިސްޓްރީ ނުކޮށް ވޯޓުލާ ދުވަހު ވޯޓުލެވޭނޭ އެއްވެސް ގޮތެއް ނޯންނާނެކަމަށް މާރިޔާ ވިދާލުވިއެވެ.