އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހޯމަ ދުވަހު އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒުގައި ކުރިއަށް ގެންދިޔަ އެ ސެޝަންގައި އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ޑެޕިއުޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އަތޮޅުތަކުގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކޮމާންޑަރުންގެ އިތުރުން މިހާރު އަތޮޅުތަކުގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ ކޮމިޝަންޑް އޮފިސަރުންނާއި މާލޭގައި މަސައްކަތްކުރާ ކޮމިޝަންޑް އޮަފިސަރުން ބައިވެރިވެފައިވާ ކަމަށެވެ.
ވޯޓުލާ މީހުންގެ އަސާސީ ހައްގުތަކާއި ޒިންމާތަކާއި، އިންތިހާބުގެ ޝަކުވާގެ ނިޒާމާއި އިންތިހާބުގައި މަނާ ކަންތައްތަކާއި ކުށްތަކާއި، ރިޔާސީ އިންތިހާބުގައި ފުލުހުންގެ ދައުރާ ގުޅޭ ގޮތުންނާއި ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް ކުރިއަށްދާ ގޮތްތަކާ ގުޅޭ ގޮތުން މި ސެޝަނުގައި މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އިން ބުނެއެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް މިހާތަނަށް ފޯމު ހުށަހަޅުއްވާފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓެވެ. ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ފައިސަލް ނަސީމު ފޯމް ހުށަހަޅުއްވާފައިވަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބަލައިގަނެ، އިބޫ އަކީ ރިޔާސީ ކެންޑިޑޭޓަށް ނިންމާފައެވެ.