ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ބ. ކުޑަރިކިލުގެ ބަނދަރުގެ ބޭރު ތޮށި ލައިދޭނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިބޫ) ސޯލިހް ވިދާޅުވެއްޖެއެވެ.
ކުޑަރިކިއްޔަށް ވަޑައިގެން އިދިކޮޅު ކޯލިޝަނަށް ތާއިދު ކުރައްވާ ފަރާތްތަކާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެ ރަށުގެ ބަނދަރު ބޭނުން ކުރަން ދަތިވެފައިވާ މިންވަރާއި ރަށުގެ ހާލަތު އެނގިވަޑައިގެންފި ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެކަމަށް ހައްލުކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން ކުޑަރިކިލުގައި މިހާރުން ބޭނުން ކުރަމުންދަނީ އެރަށުގެ އަމިއްލަ ޖަމިއްޔާއަކުން އަޅާފައިވާ ނަރުދަމާގެ ނިޒާމެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ނިޒާމް އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހިމެނޭ ގޮތަށް މަސްވެރިކަމުގެ މަސައްކަތުގައި ގިނަ ދުވަސްވެފައިވާ މީހުނަށް އިނާޔަތެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ހިޔާލު ތަފާތުތައް ހުރި ނަމަވެސް ރަށުގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެެވެ.
މީގެ އިތުުރުން އިބޫ ވިދާޅުވީ ބޭނުން ވަނީ ވައްކަން ނުކުރާނެ ސަރުކާރެއް ކަމަށާއި ވައްކަން ނުކުރާ ނަމަ އެމަނިކުފާނު މިއަދު ކޮށްދޭނެ ކަމަށް ވިދާޅުވާ ކަންކަން މިހާރު އޮންނަނީ ވެފައި ކަމަށެވެ. އަދި ދައުލަތުން ކުރާ ހަރައްދުތައް ކުރާ ގޮތް ބަލަން ދިވެހިން ބޭނުންވާނެ ކަމަށާއި އެ ހަރަދުކުރާ ގޮތް ބަަލަން ރައްޔިތުން ބޭނުން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމިނު ވިދާޅުވި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އައިޖީއެމްއެޗްގެ އައު އިމާރާތަށް 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ޚަރަދުކޮށްފައި އިތުރަށް ފަރުނީޗަރަށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ބަޖެޓްގައި ޖެހުމުން އެކަމާ ރައްޔިތުން ސުވާލު އުފައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ ޔަގީނުން ވެސް އެކަން ހިނގައިދިޔަ ގޮތް އެމަނިކުފާނުގެ ސަރުކާރުގައި ބަލާނެ ކަމަށެވެ.
ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހްތަކުގެ ތެރެއިން ޖުޑިޝަލް ސާވީސް އެކުލަވާފައިވާ ގޮތް ބަދަލު ކުރައްވާނެ ކަމަށް ވެސް އިބޫ ވަނީ ވިދާޅުވެފައެވެ. އަދި އަދުލު އިންސާފުގެ ނިޒާމް ބަދަލު ކުރުމަށް އެއީ ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.