ފުލުހުން ހިންގި އޮޕަރޭޝަންގައި ޏ. ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މާލެއިން ފުރައިގެން ފުވައްމުލަކަށް ދިޔަ ބޯޓަކުން އެ ރަށަށް ދިޔަތަނުންނެވެ. އަދި 41 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ބަނދަރު ސަރަޙައްދުންނެވެ.
ފުލުހުން ބުނި ގޮތުގައި މާލެ އިން ފުރައިގެން ފުވައްމުލަކަށް އައި ބޯޓު ފުލުހުން ބަލައި ފާސް ކުރިއިރު އެ ބޯޓު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައި ވެއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައި ދީފައެވެ.
އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.