ގއ. އަތޮޅުގެ ފަޅުރަށެއްގެ ކައިރީގައި އޮންނަ ފަރަކަށް ގޮތް ނޭނގޭ ބޯޓެއް އަފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ހޯމަ ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށާއި އެހެންކަމުން އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށެވެ.
އެބޯޓު މިހާރު އޮތީ ކޮންތާކުތޯ އެހުމުން އާޒިމް ވިދާޅުވީ ބޯޓަށް ފަރަށް އަރާފައިވާ ކަމަށް ރިޕޯޓެއް ލިބުމުން ފުރަތަމަ ސިފައިން ކުރާނީ ރެސްކިއު މަސައްކަތް ކަމަށެވެ. ނަމަވެސް އެ ބޯޓު ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ސިފައިން އެބޯޓު އޮތް ސަރަހައްދަށް ގޮސް ބޯޓް ބަލައި ފާސްކުރިއިރު، އެ ބޯޓުގައި އެއްވެސް މީހަކު ނެތުމުން އެބޯޓް އެ އޮތް ގޮތަށް ބޭވުމަށް ފަހު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެބޯޓަކީ ކޮންގައުމެއްގެ ކީއްކުރާ ބޯޓެއްކަން އެނގޭނީ ފުލުހުންގެ ތަހުގީގުން ކަމަށެވެ.
ފުލުހުންގެ މީޑިއާއަށް ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އެކަމާ ގުޅޭ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.
ގއ. ހަގެވިއްލާ ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރީގައި އޮންނަ ފަރަކަށް އެ ބޯޓެއް އެރުމުން އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އާޒިމް ވިދާޅުވެފައި ވަނީ އެ ބޯޓު ފަަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 23:30 ހާއިރު ކަމަށެވެ.
އާޒިމް ވިދާޅުވެފައި ވަނީ ކޯސްޓްގާޑު ހާބަރކްރާފްޓް އެ ސަރަޙައްދަށް ގޮސް، ބެލިބެލުމުން އެ ބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށެވެ. ބޯޓުގެ އަޑިން ތިން ފޫޓްވަރުގެ ތަންގަނޑެއް ނައްޓައިގެން ގޮސް އެ ބޯޓަށް ދަނީ ދިޔަވަމުން ކަމަށް ވެސް އާޒިމް ވިދާޅުވެފައި ވެއެވެ.