ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓް ފައިސަލް ނަސީމްގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އަރިއަތޮޅު ދެކުނުބުރި ރަށްތަކަށް ހޯމަ ދުވަހު ފުރާވަޑައިގެންފިއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލާއެކު ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން މިދަތުރުފުޅުގައި ބައިވެރިވަޑައިގަންނަވާއިރު، މި ދަތުރުފުޅުގައި ނުވަ ރަށަކަށް ވަޑައިގަންނަވާނެއެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ މަންދޫ، ފެންފުށީ، ދިއްދޫ، ދިގުރަށަށެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ކެމްޕެއިންގައި ބ. އަތޮޅުގައި އުޅުއްވާއިރު، ފައިސަލްގެ އދ. އަތޮޅުގެ ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރެއްވުމާއި ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމެވެ.
ފައިސަލާއެކު މި ދަތުރުފުޅުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ދެ މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ޖަމާލު އަދި އެޕާޓީގެ ކައުންސިލް ސެކްރެޓްރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވެވަޑައިގަންނަވަ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ފައިސަލް ފުރަތަމަ ވަޑައިގަތީ އައްޑު އާއި ފުވައްމުލަކަށެވެ. އެއަށް ފަހު ކާށިދޫ އާއި ގާފަރަށް މިދިޔަ ހަފުތާގައި ވަޑައިގަތެވެ.