ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމުގެ ތިން ވަނަ ކެމްޕެއިން ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރި (އދ. އަތޮޅު)ގެ ރަށްތަކަށް ވަޑައިގަންވަން ނިންމަވާއިފިއެވެ.
ރަނިންމޭޓު ފައިޞަލާއި އެކު ގުޅިފައިވާ ޕާޓީތަކުގެ އިސްބޭފުޅުން މިދަތުރުފުޅުގައި ބައިވެރިވަޑައިގަންނަވާއިރު، އދ. އަތޮޅަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު ހެނދުނުއެވެ. މި ދަތުރުފުޅުގައި ރަނިންގމޭޓުގެ ޓީމް އދ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގަންނަވާނެއެވެ.
ހޯމަ ދުވަހު ރަނިންގމޭޓުގެ ޓީމުން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅުގެ މަންދޫ އާއި، ފެންފުށްޓާއި، ދިއްދޫ އާއި، ދިގުރަށަށެވެ. އަދި އަންގާރަ ދުވަހު އެ އަތޮޅުގެ ހަންޏާމީދޫ އާއި، އޮމަދޫ އާއި، މަހިބަދޫ އާއި، ދަނގެއްޗަށް، ގުޅިފައިވާ ޕާޓީތަކުގެ ޓީމް ވަޑައިގަންނަވާއިރު، ކުރުބުރުދޫ އާއި، މާމިގިލިއަށް ވެސް ވަޑައިގަންނަވާނެއެވެ. މައިގަނޑު ގޮތެއްގައި މި ދަތުރުފުޅުގައި އދ. އަތޮޅުގެ ކެމްޕެއިންޓީމްތަކާއި ބައްދަލުކޮށް ރައްޔިތުންގެ ހާލު ބެއްލެވުމަށް ދޮރުން ދޮރަން ހިންގެވުމަށް ވަނީ ނިންމަވާފައެވެ.
ރަނިންގމޭޓް ފައިސަލްގެ މިދަތުރުފުޅުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ދެ މެމްބަރުން ކަމުގައިވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ޖަމާލާއި، އެޕާޓީގެ ކައުންސިލް ސެކްރެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މާމިގިލިއަށް ފައިސަލް ވަޑައިގަންނަވާއިރު، މާމިގިއްޔަކީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އުފަން ރަށްކަން ފާހަގަކޮށްލެވެއެވެ.