ރައީސް އަބްދުﷲ ޔާމީނަށް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުން މިރޭ (އާދިއްތަ ދުވަހުުގެ ރޭ) ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕީޕީއެމުން ބުނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާ މިރޭ ދަރުބާރު ގޭގައި އޮންނާނެ ކަމަށެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 21:00 ގައި ކަމަށް ޕީޕީއެމުން ބުނެ އެވެ.
ޓިކެޓް އެރުވުމަށް ބާއްވާ އެ ޖަލްސާއަށް ހާޒިރުވުމަށް މިނިސްޓްރީތަކުގެ އިސް ބޭފުޅުންނަށާއި، މުވައްޒިފުންނަށްވެސް މިހާރު އަންނަނީ އަންގަމުންނެވެ. އަދި ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް ވަނީ އެ ޖަލްސާގައި ކޮންމެހެންވެސް ބައިވެރިވާންޖެހޭނެކަމަށް އަންގާފަ އެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވާއިރު، އެ މަނިކުފަނުގެ ރަނިންގ މޭޓަކަށް އަޔަނުކުރައްވާފައިވަނީ ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ. އެގޮތަށް ނިންމިިއރު، ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވަނީ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަންވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅާކު ޓިކެޓަށް ވާދަކުރައްވާނަމަ އެ ބޭފުޅަކަށް ޓިކެޓް ދިނުމާއިމެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ކޮންގްރެސްއިން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ޓިކެޓް ދިނުމަށް ނިންމާފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިިދާއި ހިލާފަށްކަމަށް ޕީޕީއެމްގައި ކުރިން އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ވިދާޅުވެއެވެ.
އެ ޕާޓީގެ ހިންގުން ރައީސް ޔާމީން ނެންގެވީ ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހު އެވެ.
މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް އެކަނި އެވެ.