މަސްވެރިންނާއި ދަނޑުވެރިން ވަކި އުމުރަކަށް ދިއުމުން ޕެންޝަން ދޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ދަތުރުފުޅުގައި އާދީއްތަ ދުވަހު ހަވީރު ބ. ކެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީގެ ވެރިކަމެއްގައި، ދަނޑުވެރިންނާއި މަސްވެރިންނަށް ޕެންޝަށް ދޭން ފަށާނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސްވެރިންނާއި ދަނޑުވެރިންނަށް ދޭން ވައުދުވެވަޑައިގެންނެވި އެލަވަންސް ނުދެވެ އެވެ.
މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ދިމާވާ މައްސަލަތަކުގައި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތް އެއް މޭޒަކަށް ގެނެސް އެ މައްސަލައެއް ހައްލުކުރުމުގެ އުސޫލެއް ތައާރަފު ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި، ވަޒީފާގައި ތަފާތުކުރުން ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މަސައްކަތްތެރިންނަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން. މައްސަލަތައް ހައްލުކުރަން، ހައްގު މުސާރަ ހޯދުމަށާއި، އޯވަޓައިމް އާއި ޗުއްޓީ ދިނުމަށް، ބިދޭސީންނާއި ދިވެހިން ތަފާތު ނުކުރުމަށްޓަކައި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ އެއް މޭޒަކަށް ގެނެސް މައްސަލަތައް ހައްލުކުރާނަން،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އިބޫ ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ މައްސަލައަކީ ކެންދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެ ރަށުގައި ސާފު ބޯފެނުގެ ނިޒާމެއް ގާއިމުކޮށްފައި އޮތަސް، އެއީ ސަރުކާރުން ރަށެއްގެ ރައްޔިތުންނަށް ކޮށްދޭން ޖެހޭ މިންވަރަށް ވުރެ މާބޮޑަށް ދަށް މިންވަރެއް ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ކެންދޫގެ ފެނުގެ ނިޒާމު ގޭގެއަށް ގުޅާލައި ދޭނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.
"ގާނޫނު އަސާސީ ބުނާ ގޮތުން ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންނަށް ދިނުން ލާޒިމު ކަމެއް. އަޅުގަނޑުމެންގެ ވެރިކަމެއްގައި އިއްތިހާދުގެ މިކަން ވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކެންދޫގެ އަންހެންވެރިންނަށް ކުރަމުން ގެންދާ ފަންގިވިމުގެ މަސައްކަތަށް ބޭނުންވާ ފަން ލިބުމުގައި ދަތިތައް ހުރިކަން އެ ދާއިރާގެ މެމްބަރު އަލީ ހުސައިން ފާހަގަ ކުރެއްވުމުން، އެކަމަށް އިޝާރަތް ކުރައްވައި އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންނަށް ދޭ ހިދުމަތްތަކުގައި ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުގައި، ރަށާއި ކައިރީގައި އޮންނަ ފަޅުރަށްތަކާއި ފަޅުތައް ކައުންސިލްތަކަށް ދޭނެ ކަމަށެވެ. އޭރު ކައުންސިލް ފުދުންތެރިވެ، ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައި ދެވިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.