ރިޔާސީ އިންތިޚާބާއި، އިންތިޚާބީ މާޙައުލާއި ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މުޖްތަމައުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އދގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ އޭޝިއާ ޕެސިފިކް އޮފީހުގެ އިސް ބޭފުޅުން އަނެއްކާވެސް ރާއްޖެއަށް ވަޑައިގެން، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. ބައްދަލުވުން އޮތީ އާދިއްތަ ދުވަހު މެންދުރުފަހު އެމްޑީޕީގެ މައި އޮފީހުގައެވެ.
މިބައްދަލުވުމަށްފަހު ރާއްޖެ އެމްވީ. އާއި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިންތިޚާބު އޮޅުވާލުމަށާއި، ރީ-ރަޖިސްޓްރޭޝަނަށް ނުފޫޒު ފޯރުވުމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ކަންކަމާއި ގުޅޭ ގޮތުން އދގެ އޮފިޝަލުންނަށް މައުލޫމާތު ފޯރުކޮށްދެއްވިކަމަށެވެ. މިއީ 2 ހަފްތާގެ ތެރޭގައި އދ. ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓުގެ އޮފިޝަލުން ރާއްޖެއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީއާއި ބައްދަލުކޮށް، މިހާރުގެ ޙާލަތު އޮޅުންފިލުވުމަށް އދގެ އޮފިޝަލުން ބޭނުންވިކަމަށެވެ. އަދި ރީ-ރަޖިސްޓްރޭޝަންގައި އޮޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުންނާއި، ސިވިލް ސަރވަންޓުންގެ ބޭނުން ކެމްޕޭނުގައި ކުރުމާއި، އިންތިޚާބުގެ ކަންކަން ހަމަނުޖެހުމަަކަށް ބަދަލުކުރުމަށް ސަރުކާރުން ހިންގަމުން ގެންދާ އަމަލުތަކުގެ ވާހަކަ އދގެ އޮފިޝަލުންނާއި ހިއްސާކުރެއްވިކަމުގަ އެވެ. މީގެ އިތުރުން އިންތިޚާބުގެ އުޞޫލުތައް އިރުއިރުކޮޅުން ބަދަލުކުރުމާއި، އެތައް ބައެއްގެ ވޯޓުލުމުގެ ހައްޤު ނިގުޅައިގަނެވޭ ގޮތަށް އެކަން ކުރަމުންދާކަމުގެ މައުލޫމާތު އދ. ގެ އޮފިޝަލުންނާއި ހިއްސާކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ގައިޑްލައިނާއި ޚިލާފަށް ވޯޓަރ ރަޖިސްޓްރީ އެކުލަވާލުމާއި، އެޑްވައިޒަރީ ކޮމިޓީގައި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން އިޖާބަ ނުދޭކަމުގެ މައުލޫމާތު ވެސް އދ. އާއި ހިއްސާކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް އިދިކޮޅު ފަރާތްތަކުގެ އިތުބާރު ނެތްކަމަށް ބުނާ ވާހަކަ ތަކުރާރުކުރައްވައި، ޝާހިދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ސަބަބުތައް އދ. އާއި ހިއްސާކުރައްވާފައެވެ. ޚާއްސަކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަކީ އެމަޤާމާއި ހަވާލުވެވަޑައިގަތުމާއި ހަމަޔަށް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވި ބޭފުޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.