އޭދަފުށިން މުރުޝިދު އަބްދުލް ހަކީމް
އެންމެ ފުރަތަމަ މި ރާއްޖޭގައި ހަމައަކަށް އަޅުވަން ޖެހޭ ތަނަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ބ.އޭދަފުއްޓަށް ވަޑައިގެން އިބޫ ވިދާޅުވީ މިހާރު އޮތް ސަރުކާރުން ޓެކްސްގެ ނިޒާމް ވަނީ އެއްކޮށް ގަނޑުބަނޑުކޮށްފައި ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް މީރާއިން އަމަލު ކުރަމުންދާ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މީރާ އަކީ ވިޔަފާރިވެރިން ބިރު ގަންނަ ތަނަކަށް ވެގެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ނައްތާލާނެ ކަމަށެވެ.
ހަމައެހެންމެ އިބޫ ވިދާޅުވީ މީރާ އަކަށް ބޭނުންވާހާ ގަވާއިދުތައް ހަދައިގެން ޖޫރިމަނާއެއް ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އިބޫ ވިދާޅުވީ އެސްޓިއޯއިން ކުރަމުންދާ ވިޔަފާރީގެ ބޮޑު ބައެއް ހަމަ އެކަނި އާންމުން ކުރުމަށް ދޫކޮށްލާނެ ކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތަކީ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަނުމުގެ ބަދަލުގައި އާންމުން ވިޔަފާރީ ކުރަން ދޫކޮށްލުން ކަމަށެވެ.
އެސްޓިއޯއިން ކުރާ ވިޔަފާރީތަކަކީ ހަމައެކަނި ކޮންމެހެން ކުރަން ޖެހޭ ވިޔަފާރީތަކަށް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އޭދަފުއްޓަށް ކޮށްދޭނެ ބައެއް ކަންކަމާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ އެ ރަށުގެ ތައުލީމީ ނިޒާމް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ. އަދި އޭދަފުށީގައި ހިއްކާފައިވާ 27 ހެކްޓަރުގެ ބިމުގައި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގޯތިކަނޑާ ދޫކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭދަފުށީ ރައްޔިތުން ވޯޓުދޭނީ ވަރަށް ވިސްނާފައި ކަމަށް ފާހަގަކުރައްވާ އިބޫ ވިދާޅުވީ ސަރުކާރުން ވަނީ އަނިޔާވެރިކަމުގައި ހައްދު ފަހަނާ އަޅާފައި ކަމަށެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އެކަމުގައި އޭދަފުށީގެ ބޮޑު އަގުލަބިއްޔަތެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.