ށ. އަތޮޅު ސިއްރުފެންފުށީގެ ފަޅުތެރޭގައި ހެދި ގެލެރީގައި ބުދު ބެހެއްޓީ ޓޫރިޒަމް މިނިސްޓްރީއަށާއި ސަރުކާރަށް އެކަން ހުށަހެޅުމަށްފަހު، ސަރުކާރަށް އެނގިގެންކަން ހާމަވެއްޖެއެވެ.
އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެރިސޯޓުން ކަނޑުއަޑީގެ ގެލެރީ ހެދުމުގެ ކުރިން އެ ގެލެރީ ހުންނާނެ ގޮތާއި ބެހޭ ގޮތުންނާއި، ބުދުތަކުން ރަމްޒުކޮށްދޭ ކަންކަމާއި ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއަށް ގޮސް، އެމިނިސްޓްރީގައި ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުން ކަނޑުއަޑީގައި ހަދާ ތަނަކަށް ވާތީ އެތަނުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު އަންގައިދޭ އީ.އައި.އޭ ރިޕޯޓް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއަށްވެސް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ބުދު ބަހައްޓައިގެން މިފަދަ ތަނެއް ހަދާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްގެން، ފުލުހުންގެ ސަމާލުކަމަށްވެސް އެކަން އައިސްފައިވާކަމަށް ރާއްޖެ.އެމްވީ އަށް ވަނީ އެނގިފައެވެ.
މީގެ އިތުރުން މި ގެލެރީގެ މަސައްކަތް ކުރިއަށްދާކަމުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެން، އެކަމާއި ބެހޭ ގޮތުން ރިސޯޓާއިއެކު މަޝްވަރާކޮށްފައިވާކަން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ބައެއް އޮންލައިން ނޫސްތަކަށް ދެއްވި އިންޓަރވިއުތަކުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރަށް އަލަށް އެމައުލޫމާތު ލިބިގެން ބުދުތައް ނަގަން އެންގީކަމަށް ދޭހަވާފަދަ ގޮތަކަށް ރައީސް އޮފީހުން ބަޔާންތައް ނެރުނުނަމަވެސް، މިމަސައްކަތަކީ މަސައްކަތުގެ ހުރިހާ މަރުހަލާއެއްގައި ޓޫރިޒަމް މިނިސްޓްރީއަށް އެނގިގެން، ރިސޯޓުން މިނިސްޓްރީއަށް އަންގަން ޖެހޭ އެންގުންތައް އަންގައިގެން ކުރިއަށްދިޔަ މަސައްކަތަކެއްކަމަށް މައުލޫމާތު ލިބެއެވެ.
ބުދުތަކެއް ބަހައްޓާ ގޮތަށް މިގެލެރީ ހަދާތީ ރާއްޖެފަދަ ޤައުމެއްގައި އެކަމުން މައްސަލަތަކެއް ނިކުމެދާނެކަމަށް މިނިސްޓްރީގެ އިސް ބޭފުޅުންނަށށް ދެންނެވިކަމަށާއި، އެހެންނަމަވެސް އެމަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީއިން ހުއްދަ ދިނީކަމަށް މައުލޫމާތު ލިބެއެވެ.
ބުދުތައް ބަހައްޓާފައިވާކަމުގެ މައުލޫމާތު އަލަށް ލިބިގެންކަމަށް ދޭހަވާފަދަ ގޮތަކަށް ރައީސް އޮފީހުން ވާހަކަ ދެއްކީ އެމައްސަލައިގައި ގިނަ ބައެއްގެ ޝަކުވާތައް އާއްމުވުމާއި ވިދިގެންނެވެ.