ހިތާދޫ އިން މުރުޝިދު އަބްދުލް ހަކީމް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ ސަރުކާރު ވެގެންދާނީ ބަދަލު ހިފާ ސަރުކާރެއްގެ ބަދަލުގައި ރައްޔިތުންނަށް ބަދަލު ހޯދައިދޭ ސަރުކާރަކަށް ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ބ.ހިތާދޫއަށް މިއަދު ހެނދުނު އިބޫ ވަޑައިގެން އެރަށުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ މީހުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި މި ސަރުކާރުން ހިންގާފައިވާ ގާނޫނާ ހިލާފު ކަންކަމުގެ މައްސަލަތައް ބަލާނެ ކަމަށެވެ.
އިބޫ ވިދާޅުވީ މުސްލިމުންނެއް އަދުލު އިންސާފު ނެތް ތަނެއްގައި ދިރިއެއް ނޫޅޭނެ ކަމަށާއި އިންސާފު ގާއިމު ކޮށްދިނުމަށްޓަކައި އެމަނިކުފާނުވެރިކަމުގެ ފުރަތަމަ 20 މަސްތެރޭގައި އިންތިގާލި އަދާލަތެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.
އިބޫ އިތުރަށް ވިދާޅުވީ ބޭއިންސާފުން އަނިޔާ ލިބިފައި ތިބި މީހުނަށް ބަދަލު ހޯދަދެއްވާނެ ކަމަށެވެ. ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ކުރަންވީ ކަމަކީ ވޯޓު ފޮށިތައް ވޯޓުއަޅާ ފުރާލުން ކަމަށެވެ. އަދި ވިދާޅުވީ ވޯޓަކާ ކުޅޭކަށް "ލާހިކެއް ނޫން" ކަމަށެވެ.
ވޯޓު ލުމަށްފަހު ގެއަށް ވަންނަން ވާނީ ރައީސް ޔާމިން ބަލި ގަބޫލު ކުރެއްވުމުން ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ޕީޕީއެމް އިން ރީ ރަޖިސްޓްރީ ކުރިއަސް އެއަށް އިތުބާރު ނުކުރެއްވުމަށާއި އަލުން ޗެކް ކުރެއްވުމަށް އިބޫ ވަނީ އެދިވަޑައިގެންފައެވެ.