ކަންކަން ހިނގަމުންދާގޮތުން މިވަގުތު ރާއްޖޭގައި ހަރުދަނާ ސިޔާސަތެއް އޮތްކަމަކަށް ނުފެނެއެވެ. ޚާއްސަގޮތެއްގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލްތަކަށް ބަލާއިރު ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިޤްތިޞާދީ ސިޔާސަތުގެ ދޯދިޔާކަން ވަރަށް ބޮޑެވެ.
ރިޔާސީ އިންތިޚާބަށް ދޮންވެ ފައްކާވަމުންދާއިރު ރައްޔިތުން ތިބީ ޕާޓީތަކުގެ ސިޔާސަތުތަކަށް ބަލަބަލައެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އިއުލާން ކުރުމަށް ތައްޔާރު ކުރަމުންދާ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތުޕާޓީން ހުށަހަޅާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ ސިޔާސަތުގައި ވަނީ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާ ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ. އެޕާޓީން ހުށަހަޅާފައިވާ އިޤްތިޞާދީ ސިޔާސަތުގައިވަނީ ޤައުމަށް އަންނަ ސިޔާސީ ލޮޅުންތަކުން ރައްކާތެރިކުރެވިގެންވާ ފަދަ އިޤްތިޞާދީ ނިޒާމެއް ތަޢާރަފް ކުރުމަށް ބާރުއަޅުއްވާފައެވެ. އެފަދަ އިޤްތިޞާދީ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތަކާއި ޤުދުރަތީ ވަޞީލަތްތައް ސިޔާސީ ލޮޅުންތަކުން ރައްކާތެރި ކުރެވިގެންދާނެ ކަމަށް އެޕާޓީގެ ސިޔާސަތު ކޮމެޓީގެ މުޤައްރިރު އަހުމަދު ނުއުމާން ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކީ އިސްލާމީ އިޤްތިސޯދެއް ބިނާ ކުރުން. އެގޮތުން އިސްލާމީ ފައިނޭންސްގެ ނިޒާމެއް ޤާއިމް ކުރާނަން" ނުއުމާން ވިދާޅުވިއެވެ.
ނޫމާނު ވިދާޅުވީ މި ސިޔާސަތާއެކު ގެނެވޭ ތަރައްޤީގެ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ސަރަޙައްދީ ހަމަހަމަ ކަމަށް ރިޢާޔަތް ކުރެވިގެން ދައުލަތަށް ލިބޭ އާމްދަނީއިން ފުއްދައިގެން ދިގު ރާސްތާއަށް އަމާޒުކުރެވިގެން ހިންގޭ މަޝްރޫޢުތަކެއްކަން ޔަޤީން ކުރެވޭނެ ކަމަށެވެ. އަދި ޤައުމުގެ ވަޞީލަތްތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރެވި ދައުލަތުގެ އިސްރާފް ކުޑަ ކުރުމާއެކު ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންވަރަކަށް ކުޑަ ކުރެވިގެންދާނެ ކަމަށް ވެސް އަދާލަތުޕާޓީން ވަނީ ބުނެފައެވެ.
ފަހުގެ ތާރީޚުގައި ރާއްޖޭގެ ވެރިކަމަށް އައި ބައެއް ސަރުކާރުތަކުން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމުގައި ގެންގުޅެފައިވަނީ ވަރަށް ތަފާތު ވިސްނުންތަކާއި އުސޫލުތަކެއް ކަމަށާއި އެކަމުގެ ނަތީޖާއަކީ ޤައުމުގެ ތަރައްޤީގެ މިސްރާބު އެކިއިރު އެކިދިމާލަށް ހުރުން ކަމަށް އަދާލަތުން ސިފަ ކުރެއެވެ. އަދި ދިގު ރާސްތާއަށް އަމާޒު ކުރެވިގެން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ސިޔާސީ މަޤްޞަދުތަކެއް ޙާޞިލް ކުރުމަށްޓަކައި ސިޔާސަތުތައް ތަންފީޒު ކުރެވި ޤައުމުގެ ވަޞީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރުމުގެ ނަތީޖާއަކީ އިސްރާފު ބޮޑުވުމާއި ދައުލަތުގެ ދަރަނި އިތުރުވުން ކަމަށް އަދާލަތު ޕާޓީން ވިދާޅުވޭ. މީގެ އިތުރުން މާލެއާއި އަތޮޅުތަކާ ދެމެދުގައިވާ ފަރަގު އިތުރަށް ބޮޑުވެ ރަށްރަށާއި އެރަށްރަށުގެ ވަށައިގެންވާ ނާޒުކު ތިމާވެއްޓަށް އެކަށީގެންވާ މިންވަރަށް ބެލުމެއް ނެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީވެސް ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއް ނެތުމުން ދިމާވާ ކަމެއް ކަމަށާއި އިއްތިހާދުގެ ސަރުކާރެއްގެ އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން އެކަން ކަމަށް ހައްލު ހޯދައިދެވޭނެ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.
ކޮންމެއަކަސް އަދާލަތު ޕާޓީގެ އަމާޒަކީ ގުޅިފައިވާ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގެ މަތިން އެކުލެވޭ މެނިފެސްޓޯއަކީ އެޕާޓީގެ މައިގަނޑު ވިސްނުންތައް ހިމެނޭފަދަ އެއްޗަކަށް ވެގެން ދިއުމެވެ.