ދިވެހި ގައުމަށް ބަދަލު ގެނެސްދެވޭނެ ލީޑަރުންނަކީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް ކަމަށް ރައީސް ޔާމިން ސަރުކާރުގެ ފުރަތަމަ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ރައްޔިތުން ތިބި ގޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމުން ބުރުން އިބޫ އާއި ފައިސަލް ދައްކަވާނެ ކަމަށެވެ. އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރު ސާފު އަޣްލަބިއްޔަތުން އެދެ ބޭފުޅުން ކާމިޔާބު ކުރައްވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ރާއްޖޭގެ މުސްތަގުބަލަކީ ފަސާދަ އާއި އަނިޔާވެރިކަމުން އަރައިގަނެ ބިނާކުރަނިވި ވެރިކަމެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ޑރ. ޖަމީލް ވަނީ އިބޫ އާއި ފައިސަލް އަށް ވަރަށް ހާއްސަ މަރުހަބާ އެއްވެސް ވިދާޅުވެފައެވެ.
Dhivehi Qawm edhey badhal genes dheveyne leadarunnakē @ibusolih adhi @FaisalNasym. Rayyithun thibi goi sāfu aghlabiyyathun, furathaburun Riyāsē Inthikhāb kāmiyāb koh dhahkkuvāne. Rājjeyge musthaqbalkē fasādhayāi aniyāverikamun araigane binākurā verikameh. Maruhabā! pic.twitter.com/ZWylXTrRMK
— Mohamed Jameel Ahmed (@MJameelAhmed) July 28, 2018
އިބޫ އާއި ފައިސަލް ބުރާސްފަތި ދުވަހު، ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފޯމް ހުށަހަޅުއްވާފައިވާއިރު، އެ ބޭފެޅުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ގަބޫލުވެސް ކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމިންގެ ސަަރުކާރަށާއި އަދި ޚުދު އެމަނިކުފާނަށް ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތާއި މަގާމުގެ ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށާއި، ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ނުފުއްދަވާކަމުގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.
ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 23 ގައި އޮންނާނެ އެވެ. ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ވަރަށް ފޯރިއާއެކު ކޭމްޕޭން ކުރަމުން ކަމަށްވާއިރު، އެ ޕާޓީތަކުން ބުނަމުން ގެންދަނީ ރައީސް ޔާމިން ބޮޑުތަނުން ބަލިކުރާނެ ކަަަމަށެވެ.