ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، ދީނީ އިލްމުވެރިންގެ ބަސް އައްސަވާނެ ކަމަށާއި އެކަމުގެ ޔަޤީންކަން އިބޫއާމެދު އެބައޮތް ކަމަށް ޢަދާލަތު ޕާޓީގެ ނާއިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީ ބަލައިގަންފަހުން ގުޅިފައިވާ ޕާޓީތަކުން ބ އަތޮޅު ތުޅާދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ މިރާއްޖޭގެ ދީނީ އިލްމުވެރިން، ވަކިން ޚާއްޞަކޮށް ކަންކަމުގައި ނަސޭހަތްތެރިވާން ތިބި މީހުން ތިބީ 2004 ވަނަ އަހަރަށް ވުރެ ފަހަތުގައި ކަމަށެވެ. ހައްޤުގޮތް ބުނާކަށް މިއަދަކު ނުކެރޭ ކަމަށާއި ވަކި މީހަކާ ދިމާލަށް ބަސްބުނަން ކެރޭއިރު އަނެއް މީހާއާ ދިމާއަށް ބުނަން ޖެހިލުންވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ބިރުވެތި ނުވާށޭ. ބިރުގަންނަންވީ ހެއްދެވި ފަރާތްތަށޭ. އިރާދަކުރެއްވިއްޔާ ދީނީ އިލްމުވެރިން މިނިވަންކޮށްދޭނަން" ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޢަލީ ޒާހިރު ވިދާޅުވީ ސަރުކާރުން ފުރަތަމަ ބިރުދައްކަމުން ދިޔައީ ކެންޑިޑޭޓަކު ނެރުނަ ނުދޭނެ ކަމަށް ބުނެ ކަމަށާއި ކުރިމަތިލިޔަސް ބާތިލް ކުރާނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އިބްރާހީމް މުހައްމަދު ސޯލިހް އެވަނީ ކެންޑިޑޭޓެއްގެ ގޮތުގައި ބަލައިގެންފައި ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ވޭތުވެ ދިޔަ 3 އަހަރު އެމްޑީޕީއާ ގުޅިގެން އިސްލާހީ މަސައްކަތް ކުރުމުގައި ކުރެވުނު ތަޖްރިބާއަށް އިޝާރާތް ކުރައްވާ ޢަލީ ޒާހިރު ވިދާޅުވީ އިލްމުވެރިންގެ ބަސް އައްސަވާނެ ކަމާމެދު އިބޫއަށް އިތުބާރު އެބައޮތް ކަމަށާއި އަދި އެކަން އޮތީ ދައްކަވާފައި ކަމަށެވެ.
ޢަލީ ޒާހިރު ވިދާޅުވީ ޢަދާލަތު ޕާޓީ ހިމެނޭ ތަނެއްގައި އިސްލާމް ދީނާ ދެކޮޅު ކަމެއް ނުކުރެވޭނެ ކަމަށާއި އަދި އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް އިތުބާރު އެބައޮތް އިބޫއާމެދު. އެމަނިކުފާނު ދީނީ އިލްމުވެރިންގެ ބަސް އައްސަވާނެ. މިހާތަނަށް އޮތީ އެކަން ކުރައްވާފައި" އަލީ ޒާހިރު ވިދާޅުވިއެވެ.
ޢަލީ ޒާހިރު ވިދާޅުވީ އިންސާފް ޤާއިމް ކުރައްވާނެ ކަމަށާއި އިންސާފް ޤާއިމްކޮށް އަނިޔާވެރިކަން ހުއްޓުވާނީ ފިނިކޮޓަރީގައި ތިބެގެން ނޫން ކަމަށެވެ.
ފުލުހުންނާއި ސިފައިންނަށް އަދި އެންމެހާ މުއައްސަސާތަކަށް އިޝާރާތް ކުރައްވާ ޢަލީ ޒާހިރު ވިދާޅުވީ މިނިވަންކަމާއެކު އަޑު ފެތުރުމަށް ޖާގަ ދެއްވުމަށް އެދޭކަމަށާއި ވޯޓު ލުމަށާއި ވޯޓް ގުނުމަށް މިނިވަންކަމާއެކު ފުރުސަތު ދިނުމަށް ގޮވާލައްވާ ކަމަށެވެ.
ޢަލީ ޒާހިރު ވިދާޅުވީ ކުށްވެރިއަކަށް ފުރައިގެން ދިއުމަށް ފުރުސަތު ނުދޭނެ ކަމަށާއި ޤާނޫނުލް އުޤޫބާތުން އެކަމަށް ތަން ނުދޭ ކަމަށެވެ. އަދި ޤާނޫނުލް އުޤޫބާތުން އެކަމަށް ހުއްދަ ލިބޭނަމަ އެކަން ކުރައްވާނެކަމަށް ވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.