ތަރައްޤީގެ ނަމުގައި މިސަރުކާރުން ވައްކަން ކުރިނަމަވެސް، އިބްރާހިމް މުހައްމަދު ސޯލިޙް ތަރައްޤީގެ ނަމުގައި ވައްކަން ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ތުޅާދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދު ދިވެހިރާއްޖެއަށް ބޭނުންވަނީ ޤައުމު އެއްބައިވަންތަ ކުރުވާނެ ލީޑަރެއް ކަމަށެވެ. އަދި އެލީޑަރު ވާން ޖެހޭނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ސިޔާސަތުތައް އެކަތިގަނޑަކަށް ހަދައި، ޤައުމު ހަމަމަގަށް އަޅުވާނެ ލީޑަރަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަކީ މިދިވެހިރާއްޖެ އެކުވެރިކުރުވާނެ ލީޑަރެއް ކަމަށެވެ. އަދި މީގެ އިތުރުން ތަރައްޤީގެ ނަމުގައި ވައްކަންކުރާނެ ލީޑަރެއް ދިވެހިން ބޭނުން ނޫން ކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ އިބޫ އަކީ ތަރައްޤީގެ ނަމުގައި ވައްކަންކުރާނެ ލީޑަރެއް ނޫން ކަމަށެވެ.
ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ ރަށްރަށަށް ޕީޕީއެމްގެ ބޭފުޅުން ވަޑައިގަންނަވާއިރު އަރުވާ ކުރުނބާގައި ރީނދޫ ކުލަ ފޮރުވަން ފިޔާތޮށި ކުލަ ލުމަކީ އަމިއްލަ ނަފްސަށް އޮޅުވާލުން ކަމަށެވެ. އަދި އަމިއްލަ ނަފްސަށް އޮޅުވާނުލުމަށް ގޮވާލައްވަމުން ޝާހިދު ވިދާޅުވީ ފިޔާތޮށި ކުލަ ލައިގެން ކުރުނބާ ބޮވިދާނެ ކަމަށާއި، އެހެންނަމަވެސް އެއަކުން ކުރާނެ ރާހަތެއް ނޯންނާނެ ކަމަށެވެ.
ޝާހިދު ވަނީ ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަސްލު އަގަށް ވުރެ ބޮޑު އަގުގައި ހިންގާފައިވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އައިޖީއެމްއެޗްގެ އައު އިމާރާތާއި ބްރިޖްގެ މަސައްކަތް ނިމޭއިރު އެބޮޑު ދަރަނި އަޅުވަނީ ދިވެހިންގެ ބޮލުގައިކަން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތްކުރެއްވި ބޭފުޅުންގެ މިއަދުގެ ޙާލަތަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ 2013 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ގެންނަވަން މަސައްކަތްކުރެއްވި ކޮންމެ ބޭފުޅަކު މިއަދުވީ ޖަލުގައި ކަމަށެވެ. އަދި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ މިއަދު އެމަނިކުފާނު ވެރިކަމުގައި ދަމަހައްޓަން މަސައްކަތްކުރައްވާ ކޮންމެ ބޭފުޅަކު ވެސް ހުންނަވާނީ ޖަލުގައި ކަމަށާއި، ރައީސް ޔާމީން އެބޭފުޅަކަށް ކޮންމެ ވެސް އަދަބެއް ދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު އޮޅުވާނުލެވޭނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތައް މިހާރުވެސް ވަނީ އިންތިޚާބުން މޮޅުވެފައި ކަމަށާއި، އެކަން ކަށަވަރުކުރުމަށް މިހާރު ކުރަންވީކަމަކީ ރީރަޖިސްޓަރ ކުރަން ޖެހޭ ފަރާތްތަކުން ރީރަޖިސްޓަރ ކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިސަރުކާރު އޮތީ ބަލިކަށިވެފައި ކަމަށާއި، އެންމެން ބިރު ފަހަނައަޅައި ދާންވީ ކަމަށް ޝާހިދު ވިދާޅުވިއެވެ.