ބުދު ބެހެއްޓި ސިއްރު ފެންފުށީގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ހިއްސާއެއް ނޯންނާނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު، އަހްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.
ސިއްރު ފެންފުށީގައި ހަދާފައިވާ އަންޑަވޯޓާ އާޓް ގެލެރީ އާއި ބެހޭގޮތުން ޕީއެސްއެމުން ޝާއިއުކުރި ހަބަރަކާ ގުޅިގެން ނާޝިދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިއްރުފެންފުށި ރިސޯޓް ތަރައްގީކުރާ ށ ގާކޮށިބީ އަކީ އޭނާގެ ހިއްސާ އޮވެގެން ތަރައްގީކުރާ ރިސޯޓެއް ކަމަށް އެ ސްޓޭޝަނުން ބުނެ ހަބަރުފެތުރީ ހަގީގަތާއި ހިލާފަށް ކަމަށެވެ. އެ ރިސޯޓް މިހާރު ތަރައްގީކުރަނީ އޭނާއާ ވިޔަފާރީގެ ގޮތުން އެއްވެސް ގުޅުމެއް ނޯންނަ ޖީބީއެޗް ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ.
އެ ހަބަރު އިސްލާހުކުރުމަށް އެދި ނާޝިދު ވިދާޅުވީ، ށ ގާކޮށިބީ އަކީ 2006 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން، ށ ފޯކައިދޫ، ހުވަނދުމާގެ ހުސައިން ވަހީދު ނަމަކަށް ކިޔާ މީހަކަށް ކުއްޔަށް ދީފައިވާ ރަށެއް ކަމަށެވެ. އަދި އެރަށުގައި ރިސޯޓެއް ހެދުމަށް އެރަށުގެ ސަބް ލީސް ގަތުމަށް، އެކެއް ނޮވެމްބަރު 2007ގައި އޭޑީކޭ އަކާސޫ ޑިވޮލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ހެޑްލީސް އޯނަރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ރަށުގައި ރިސޯޓެއް ހެދުމުގެ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އޭޑީކޭ އަކާސޫ ކުންފުންޏަކީ އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏެއް ނަމަވެސް، އެ ކުންފުނިން އެރަށުގައި ކުރި މަސައްކަތްތައް ނުނިމެނީސް ބައެއް ސަބަބުތަކާހެދި، ކުންފުނިން އެރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓާއި ރަށުގެ ސަބްލީސްއާއި އެއްކޮށް ޖީބީއެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފައިވާ ކަމަށެވެ. އޭރު އެރަށް ތަރައްގީކުރުމުގެ ކޮންސެޕްޓުގައި ގަލުން މިއުޒިއަމެއް ހެދުމަށް ހިމަނާފައިނުވާނެ ކަމަށް ވެސް ނާޝިދު ނެރުއްވި ބަޔާނުގައިވެއެވެ.
ސިއްރުފެންފުށި ރިސޯޓާ ގުޅޭގޮތުން ޕީއެސްއެމުން ލިޔުނު ހަބަރުގައި ބުނެފައިވަނީ، ށ. ގާކޮށިބީގައި ރިސޯޓެއް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ އެމްޑީޕީ މެންބަރު ޢަލީ ރިޒާއަށް ކަމަށެވެ. ނަމަވެސް ފަހުން އެމްޑީޕީގެ އަލީ ރިޒާ ވަނީ މިހާރުގެ އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕްގެ ކޮމަންޑޫ ދާއިރާގެ މެންބަރު އޭޑީކޭ ނާޝިދުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެ ރަށް ވިއްކާލާފަ ކަމަށް ވެސް ޕީއެސްއެމްގެ ހަބަރުގައިވެ އެވެ.
މި ރިސޯޓުގެ މައްސަލައަކީ، ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުންދާ ދަނޑިވަޅުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިސް މެންބަރުންތަކެއްގެ މަސްލަހަތު އޮންނަ ރިސޯޓަކުން، ސަރުކާރު ބަދުނާމުކުރުމަށް ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައި ވާތީ އެކަން ސާފުކޮށްދެއްވަމުން ނާޝިދު ވިދާޅުވީ، ސިއްރުފެންފުއްޓަކީ އޭނާ، އަދި އެމްޑީޕީގެ އެހެން ވެސް މަޖިލިސް މެންބަރެއްގެ ހިއްސާ އޮވެގެން ތަރައްގީކުރާ ތަނަކަށް ނުވާއިރު، ޕީއެސްއެމްގެ ހަބަރުން ހަގީގަތް އޮޅޭ ކަމަށެވެ. އަދި އޭނާ ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ ގާނޫނާއި ހަވާލާދީ، އެ ލިޔުން އިސްލާހުކުރުމަށް ވެސް އެދިވަޑައިގެންފައެވެ.
ގާކޮށިބީގައި ތަރައްގީ ކުރަމުންއަންނަ ސިއްރުފެންފުށީގެ މައްސަލަ ފެންމަތިވެފައި ވަނީ އެ ރިސޯޓްގެ މޫދުގެ އަޑީގައި ހެދި ގެލަރީއެއްގައި ބުދުތަކެއް ބެހެއްޓުމާއި ގުޅިގެންނެވެ. އެ މައްސަލަ އާންމުވީ ސޯޝަލް މީޑިއާގަ އެވެ. އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ، ރާއްޖެއަށް ބުދުތަކެއް އެތެރެކޮށް ރިސޯޓެއްގައި އެތަކެތި ބެހެއްޓުމަކީ ދީނާ ހިލާފުކަމެއް ކަމަށް ބުނެ ސަރުކާރަށް ސޯޝަލް މީޑިއާގައި ފާޑުކިޔައިފަ އެވެ.
ސަރުކާރުން މިހާރު ވަނީ އެ ބުދުތައް ނަގައި އެތަން ސާފުކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައެވެ.