ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާ ސަރުކާރުގައި ބ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ބ.ގޮއިދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އިބޫ ވިދާޅުވީ ގޮއިދޫ އާއި އެރަށް ހިމެނޭ އަތޮޅަށް އެމްޑީޕީގެ ސަރުކާރުގައި ހާއްސަ ސަމާލުކަމެއް ދެއްވާފައިވާނެ ކަމަށެވެ. މި ގޮތުން ގޮއިދޫގެ ބަނދަރު ހަދާފައި ވަނީ އެމްޑީޕީގެ ސަރުކާރުގައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.
ގޮއިދޫ ހިމެނޭ ފަޅުތެރެއާއި މި ސަރަހައްދަކީ ޔުނިސެފުން ހާއްސަ ސަމާލު ކަމެއް ދީގެން ބަލަމުންދާ ސަރަހައްދެއްކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ހާއްސަ ސަމާލުކަމެއް މި ސަރަހައްދަށްދީ އޭގެ ނަފާއާއި މަންފާ ހޯދަދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާ ސަރުކާރުގައި ސިވިލް ސާވީސްގެ މުވައްޒަފުންނަށް އެމީހުން ބޭނުންވާ ކޮންމެ ސިޔާސީ ފިކުރެއްގައި ތިބެ މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށ ވިދާޅުވިއެވެ. އަދި މިއަދުވެސް ސިޔާސީ ވަކި ފިކުރަކާ ހެދި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމަނިކުފާނުގެ ސަރުކާރެއްގައި ބަދަލު ހޯދަދެއްވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ގޮއިދޫގެ ކައުންސިލް މެމްބަރުންނާއި ރަށުގެ އެކި ފަރާތްތަކާ ބައްދަލު ކުރައްވާ ރަށަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާނެ ކަމަށެވެ. އަދި އޭގެ ފަހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ގޮއިދޫއަށް ހުރި ކަންކަންވެސް ހާމަ ކުރައްވާނެ ކަމަށެވެ.