ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް އެދި 6،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި މި ހަފްތާ އިން ފެށިގެން އޮފިޝަލުންނާ އިންޓަރވިއު ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމު ވިދާޅުވީ، އިންތިހާބުގައި ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ޖޫން މަހުގެ 29 އިން ފެށިގެން ޖުލައި 25 ގެ ނިޔަލަށް ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ކަމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި 6000 އަށް ވުރެ ގިނަ އެޕްލިކޭޝަން ފޯމު ލިބިފައިވާ ކަމަށާއި އޮފިޝަލުންނަށް ވުމަށް އެދި ހުށަހަޅާފައިވާ ފޯމު އަދިވެސް ސިސްޓަމަށް އެންޓަރކުރަމުން ދާކަމަށެވެ.
ގާތްގަނޑަކަށް 4500 އަށް ވުރެ ގިނަ އޮފިޝަލުން ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވުމަށް ނަގާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި މި އޮފިޝަލުން ނަގާނީ ވަކިވަކިން އިންޓަރވިއު ކުރެވިގެން ކަމަށް ވެސް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އިންޓަރވިއު ކުރުން މި ހަފްތާގައި ފެށޭނެއެވެ.
އޮފިޝަލަކަށް ވުމުގެ ޝަރުތަކަކީ އުމުރުން 18 އަހަރަ ފުރިފައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމުގެ އިތުރުން ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުމެވެ.
އޮފިޝަލުންނަށް ހާއްސަ ތަމްރީނެއް ދެވޭއިރު ސެޕްޓެމްބަރު މަހުގައި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދާނެއެވެ.
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ 1500ރ. ހަމައެކަނި ވޯޓުލާ ދުވަހު ލިބޭނެއެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ 1200ރ. ހަމައެކަނި ވޯޓުލާދުވަހު ލިބޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އަންނަ ސެޕްޓެމްބަރުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 262،141 (ދެ ލައްކަ ފަސްދޮޅަސް ދެހާސް، އެއްސަތޭކަ ސާޅީސް އެކެއް) މީހުންނަށެވެ. ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.